ޓީ ޖެޓީ ސަރަހައްދުން ވައްކަން ސިނގިރޭޓު ކޭހެއް ވަގަށް ނަގައިގެން ދުވެ ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އެ މައްސަލައިގައި އަތުލައިގެންފައި ވަނީ އޮފް ޑިއުޓީގައި ހުރި ސިފައިންގެ މީހެކެވެ. އެ މީހާ އަތުލައިގެންފައި ވަނީ އެ ސަރަހައްދުގައި ތިބި އާންމުންގެ ބައެއް ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

އެ ޕޯސްޓާ އެކު އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހަކު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މީހަކީ ސިފައިންގެ މީހެއް ކަމަށް ޕޯސްޓުގައި އޮތް ނަމަވެސް، ފުލުހުން ވެސް ސިފައިން ވެސް އެކަން ކަށަވަރުކޮށެއް ނުދެއެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.