ވާދަކުރުމުގެ ރީތި މިސާލު އެމްޑީޕީއިން ފެންނާތީ ޕީޕީއެމްއިން ވަރަށް ޝައުގުވެރިވޭ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއިން ޕްރައިމަރީއެއްގެ ވާހަކަ ދައްކާލި ކަމަށްޓަކައި ޕާޓީގެ ރައީސް އަތުން ޕާޓީ ދަމާގަނެ ޖަލަށްލި ކަމަށާއި ޕްރައިމަރީ ނުބާއްވާ 2018 އަދި 2023ގެ ރިޔާސީ ޓިކެޓުގެ ހޯދީ ކަމަށެވެ.

ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއިން ފަހިކޮށްދޭތީ ޕީޕީއެމްގެ ބާކީ ތިބި މެންބަރުންނަށް ވަރަށް ޝައުގުވެރިވާ ކަމަށާއި ފާޑު ކިޔުންތަކަށްފަހުވެސް އެކަތި ގަނޑަކަށް ވާނެ ކަމަށް އެ މީހުންނަށް ގަބޫލުނުކުރެވޭ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރަން އިދިކޮޅު ކެންޑިޑޭޓު ގަބޫލުނުކުރި ނަމަވެސް ބާކީ ތިބި އެ ޕާޓީގެ ލީޑަރުން ގެންދަވަނީ އެ ކެނޑިޑޭޓު ގަބޫލުނުކުރައްވާ ހުރިހާ ކަމެއް ކުރަމުން ކަމަށް ވެސް އަނަސް ވަނީ ވިދާޅުވެފައެވެ.

އަނަސް ވިދާޅުވީ އެމްޑީޕީގެ ރީތި މިސާލު ފެންނަން އޮތުމުން ޕީޕީއެމް ޝައުގުވެރިކަމާއެކު ބަލަން ބޭނުމެއް ނޫނޭ ބުނި ކަމުގައި ވިޔަސް ޝައުގުވެރިކަމާއެކީ ބަލާ ކަމަށާއި އެމްޑީޕީއިން ޖަލަށްލާ، ގަދަ ބާރުން އަތުލާ ތަނެއް ނުފެންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ވަރަށް ފޯރި ގަދަކޮށްދާ ކަމަށާއި ޗެއާޕާސަން އިންތިހާބުވެސް ކެމްޕެއިންވެސް ވަރަށް ފޯރި ގަދަކޮށް ދިޔަ ކަން ފާހަގަކުރައްވާ އަނަސް ވިދާޅުވީ އޭގެ ފަހުން އެކީގައި މަސައްކަތް ވެސް ކުރެވާ ކަމަށެވެ.

ކެމްޕެއިން ފޯރީގައި ވިދާޅުވާ އެއްޗެއް ނުބަލާ ނަތީޖާ ގަބޫލު ކުރައްވާ ކުރިއަށްދާނެ ކަމަށާއި ކޮންމެ އިންތިހާބެއްގައިވެސް ފެނިގެން ދަނީ އެ މަންޒަރު ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ދެ ކެނޑިޑޭޓުންގެ ވެސް މަންޒިލަކީ އެއްތަނެއް ކަމަށާއި އެއީ އެމްޑީޕީގެ ވެރިކަމެއް އޮތުން ކަން ވެސް އަނަސް ފާހަގަކުރެއްވިއެވެ. އަދި އެ މަންޒަލަށް ދިއުމަށް އެމްޑީޕީ އެކަތި ގަނޑަކަށްވާނެ ކަމަށާއި ޗެއާޕާސަން އިންތިހާބުގައި ވެސް ބެހިގެންދާނެ ކަމަށް ހީވި ނަމަވެސް އެކަން އެހެންނެއް ނުވާ ކަމަށ އަނަސް ވިދާޅުވިއެވެ.

އަނަސް އިތުރަށް ވިދާޅުވީ ވާދަކުރައްވަނީ އެމްޑީޕީގެ އެންމެ މަގްބޫލު ދެ ޝަހުސިއްޔަތު ކަމަށާއި 28 ވަނަ ދުވަހުން ފެށިގެން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާތަން ފެންނާނެ ކަމަށެވެ.