އުރީދޫގެ އެމްބެސަޑަރަކަށް ޒުވާން ދަނޑުވެރިޔާ، ރަމްޒީ ހުސައިން ހަމަޖައްސާ، އުރީދޫގެ މިއަހަރުގެ ކަލަންޑަރު ދަނޑުވެރިކަމަށް ހާއްސަކޮށްގެން އިފްތިތާހު ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ "ގުރޯ ވިތު އުރީދޫ" ކެމްޕޭން ރަސްމީކޮށް މިއަދު އިފްތިތާހު ކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ރާއްޖޭގައި ފުޅާމިނެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަމްޒީވަނީ އެކި އުމުރުފުރާތަކުގައި ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައެވެ. އަދި ރަމްޒީ ދަނޑުވެރިކަމުގެ މަސައްކަތް ފެށީ ޖަޕާނުން ހަ މަސް ދުވަހުގެ ދަނޑުވެރިކަމުގެ ޓްރެއިނިން ކޯހެއް ފުރިހަމަ ކުރުމަށްފަހު ވަރަށް ބޮޑެތި ދިރާސާތަކެއް ވެސް ހެދުމަށްފަހު ކަމަށް އުރީދޫއިން ބުނެއެވެ.

ރަމްޒީ ބުނީ ޒުވާނުންގެ މެދުގައި ދަނޑުވެރިކަމަކީ މަގުބޫލުކަމަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށައި އާ ޓެކްނޮލަޖީގެ އެހީގައި ދަނޑުވެރިކަމަށް އިނޮވޭޓިވް ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ، އަދި އާންމުންގެ މެދުގައި ދަނޑުވެރިކަމަށް ހޭލުންތެރިކޮށް، ދަނޑުވެރިކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުކުރުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ރަމްޒީ ބުނެއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ އުރީދޫގެ ކަލަންޑަރަށް ކޮންމެ އަހަރަކުވެސް ކަސްޓަމަރުން އިންތިޒާރުކުރާ ކަމަށާއި މީގެ ދެ އަހަރު ކުރިން އޭއާރު ފީޗާއާއެކު ނެރުނީ ރާއްޖޭގެ ތާރީހު ދައްކާލި ކަލަންޑަރެއް ކަމަށާއި މިދިޔަ އަހަރު މަގޭ ރާއްޖޭގެ ދަށުން ވީއާރް ފީޗާއަކާއެކު ކަލަންޑަރު ނެރުނު ކަމަށެވެ.

މި އަހަރު ހެދި ކަލަންޑަރުގައި ފެންނަން ހުންނަ މާތައް އަޅާ ގަސްތަކުގެ އޮއްތަކާއެކު ކޮންމެ މަހަކަށް ހާއްސަކޮށްފައިވާނެކަން ނިޔާޒު ފާހަގަކުރެއްވިއެވެ. އަދި އުރީދޫގެ 18 ވަނަ އަހަރު ކަމުން ގްރޯވިތް އުރީދޫ ތީމްގެ ދަށުން މި އަހަރުގެ ހުރިހާ ހަރަކާތްތައް ކުރިއަށްގެންދާނެ ކަަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ޒުވާން ދަނޑުވެރިޔާ ހިޔާރު ކުރީ ޒުވާން ދަނޑުވެރިޔާ ރާއްޖޭގައި ދަނޑުވެރިކަން ކުރަނީ ވަރަށް ސްމާޓް ގޮތް ގޮތް ބޭނުންކޮށްގެން، ފަހުގެ އީޖާދީ ގޮތް ގޮތް ބޭނުން ކޮށްގެން ކަމަށާއި ބޭނުންވަނީ ޒުވާން ދަނޑުވެރިޔާ އެމްބެސަޑަރަކަށް ހަމަޖައްސާ އެކަމާ ގުޅުން ހުރި ވީޑިއޯ ހެދުމަށްފަހު ކަސްޓަމަރުންނަށް ސޯޝަލް މީޑިއާއާއި އެހެން ގޮތް ގޮތުންވެސް ފޯރުކޮށްދިނުން ކަމަށެވެ.

އެ ކަލަންޑަރަކީ ގަސް އިންދުމަށް ހިތްވަރުދީ، ރާއްޖޭގައި އާއްމުކޮށް އިންދާ އެކި ބާވަތްތަކުގެ ގަސްގަހުގައި އަޅާ މަލާ، އާންމުކޮށް ރާއްޖެއިން ފެންނަ މާމެލާމެލީގެ ފޮޓޯތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަލަންޑަރެކެވެ. ސްނެޕްޗެޓު މެދުވެރިކޮށް، އޭއާރު ފީޗާއިން ކަލަންޑަރުގެ ތްރީ ޑީ މަންޒަރު ފެންނައިރު އުރީދޫގެ އެ ކަލަންޑަރުގައި ޕެޝަންފްރުޓް، ކަރާ، މިރުސް އަދި އާއްމުކޮށް ފެންނަ އަސުރުމަލާއި، މަލިކުރުވާމަލާއި މަތަރެސްމާ ފީޗާކޮށްފައިވެއެވެ.

އުރީދޫ ކަލަންޑަރުގައި ކޮންމެ މަހަކަށް ކަނޑައަޅާފައިވާ މަލާ ގުޅޭ މައުލޫމާތާއި އެ މަލުގެ ދިވެހި އަދި އިނގެރޭސި ނަން ހިމަނާފައިވާއިރު ކޮންމެ މަހަކަށް ދީފައިވާ މަލުގެ އޮށް އިންދާނެ ގޮތުގެ މައުލޫމާތު ހިމަނާފައިވާ ޕޭޖަށް ދެވޭ ކިއުއާރު ކޯޑެއް ވެސް ހިމެނެއެވެ.