އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕް މުބާރާތުގެ ކުއާޓާ ފައިނަލަށް އިންގްލޭންޑްގެ ޗެލްސީއާއި ބްރެޒިލްގެ ޕާމަރޭސް ދަތުރުކޮށްފިއެވެ.

ޗެލްސީ ކުއާާޓާއިން ޖާގަ ހޯދީ ޕޯޗުގަލްގެ ބެންފީކާ ބަލިކުރުމަށް ފަހުއެވެ. ޖުމްލަ ހަތަރު ގަޑި އިރަށް ދެމިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑެއް ފެނިގެން ދިޔައީ ވެސް މެޗުގެ 64 ވަނަ މިނެޓްގައެވެ. ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްގެ މި ލަނޑާއެކު ޗެލްސީއަށް ހަނި މޮޅެއް ލިބޭނެ ކަމަށް ހީވިއެވެ. އެހެން ނަމަވެސް މެޗު ނިމެން 4 މިނެޓަށް ވެފައި އޮއްވާ މެޗު ކުޅެމުން ދިޔަ ސަރަހައްދުގެ މޫސުން ގޯސްވެ ގުގުރާތީ މެޗު ހުއްޓުވާ ކުޅުންތެރިން ދަނޑުން ބޭލިއެވެ.

އެއަށް ފަހު ކުޅުންތެރިން ދަނޑަށް ދެން ނިކުމެ މެޗު އަލުން ފެށީ ދެ ގަޑި އިރު ފަހުންނެވެ. މެޗު ދެން ފެށިގެން ބެންފީކާއިން އުފެއްދި ފުރަތަމަ ހަމަލާގައި އެޓީމަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ވައްދާލައިގެން މެޗުގެ ނަތީޖާ ހަމަހަމަކޮށް އިތުރު ވަގުތުގައި ކުޅެން ޖެހުނެވެ.

އެހެން ނަމަވެސް އިތުރު ވަގުތު ފެށިތަނާހެން ބެންފީކާގެ ޖިއަންލޫކާ ޕެސްޓިއާނީއަށް ދެ ރީނދޫ ހަމަވެގެން ރަތް ކާޑެއް ދެއްކި ހިސާބުން މެޗުގެ އޮއިވަރު އަނެއްކާވެސް ޗެލްސީ ކޮޅަށް އެނބުރެނެވެ.

އަދި ޗެލްސީއިން އިތުރު ވަގުތުގައި ތިން ލަނޑު ޖަހާ 4-1 ގެ ނަތީޖާއަކާ އެކު ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކުރިއެވެ.

ކުއާޓާގައި ޗެލްސީ ކުޅެނީ ބްރެޒިލްގެ ޕާމަރޭސްއާއެވެ. އެޓީމު ރޭ ކުއާޓާއިން ޖާގަ ކަވަށަރު ކުރީ އިތުރު ވަގުތުގައި ބްރެޒިލްގެ ބޮޓަފޯގާ 1-0 އިން ބަލިކުރުމަށް ފަހުއެވެ. ޗެލްސީއާ ޕާމަރޭސް ކުޅޭ ކުއާޓާ އޮންނަނީ އަންނަ ހުކުރު ދުވަހުއެވެ.