މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯ އިން ކަރަންޓު ކަނޑާލާފައިވަނީ ކައުންސިލުން އެ ކުންފުނިން އެދިފައިވާ ބައެއް މަސައްކަތްތައް ހިފަހައްޓަން ކައުންސިލުން އަންގާފައިވާ ކަމުގައި ބުނެ ކަމަށް، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާ އާ ވާހަކަ ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ:

  • ކަރަންޓު ކަނޑާލާފައި ވަނީ ކައުންސިލުން ކަރަންޓު ބިލުތައް ދައްކާފައިނުވާތީ ކަމަށް
  • ކައުންސިލްގެ ދެ އަހަރުގެ ކަރަންޓު ބިލުތަކަށް 20 މިލިއަން ރުފިޔާ އަރާ ކަމަށް
  • ކައުންސިލުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭތީ ކަމަށް

މިއަދު ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، ސްޓެލްކޯ އިން ސަލްޓަން ޕާކާއި ކައުންސިލްގެ އޮފީސްތައް ފަދަ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް އިމާރާތްތަކުން ކަރަންޓު ކަނޑާލާފައި ވަނީ މީގެ ދެތިން ދުވަހެއް ކުރިން ކަމަށާއި، އެތައް ތަނަކުން ކަރަންޓު ކަނޑާލި ނަމަވެސް ކައުންސިލަށް އެކަމުގެ ވާނުވާ ނޭނގޭ ކަމަށެވެ.

"މީގެ ދެ ތިން ދުވަސް ކުރިން ކަރަންޓު ކަނޑަން ފެށި، އެތައް ތާކުން ގަޑިއެއްހާއިރުތެރޭ ކަރަންޓު ކަނޑާލި، އަޅުގަނޑުމެންނަށް ވާނުވާ ނުވެސް އެނގޭ،"
ޑރ. މުހައްމަދު މުއިއްޒު | މާލެ ސިޓީގެ މޭޔަރު

މުއިއްޒު ވިދާޅުވީ، ބަޖެޓްގެ ދަތިކަމާ ހުރެ ފެން ބިލާއި ކަރަންޓު ބިލް ނުދެއްކި އެބަހުރި ކަމަށެވެ.

އެ މައްސަލައިގައި ޝަރީފަށް ގުޅުމުން ފުރަތަމަ ފަހަރު ފޯނަށް ޖަވާބު ނުދެއްވި ކަމަށާއި، ނަމަވެސް، އޭގެ ދޮޅު ގަޑިއިރެއް ފަހުން ޝަރީފް ގުޅުއްވައި، ކައުންސިލަށް ސްޓެލްކޯ އިން ގުޅުމުން އެ ކުންފުނިން އެދިފައި ހުރި ކަންކަން ކައުންސިލުން ހިފަހައްޓަން ބުނެފައިވާ ކަމަށް ވިދާޅުވި ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސްޓެލްކޯ އިން އާންމު ގޮތެއްގައި އެދެނީ މަގު ކޮނެ، ގޭގެއަށް ކަރަންޓު ލައިދިނުން ފަދަ ދުވަހު މަސައްކަތް ތަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުން އެފަދަ އެއްވެސް މަސައްކަތަކަށް ހުރަސް އަޅާފައި ނޯންނާނެއެވެ.

"އަބަދުވެސް މަގު ކޮންނަން ހުއްދަ ދެން، ގޭގެއަށް ކަރަންޓު ލައިދެން މި އެއްޗެހި ހިފަހައްޓަން އޮތީ ތިމަންނަމެން ގުޅީމަ ކައުންސިލުން ބުނެއޭ ސްޓެލްކޯގެ މިކަންތައް ހިފަހައްޓަން ބުނެފައޭ. އެހެންކަމުން ތިމަންނަމެނަށް ވެސް ލިބިފައިވާ ބާރެއްގެ ދަށުން ކަރަންޓު ކެނޑީއޭ،"
ޑރ. މުހައްމަދު މުއިއްޒު | މާލެ ސިޓީގެ މޭޔަރު

ކަރަންޓަކީ އާންމު ހިދުމަތެއް ކަމަށާއި، މިފަދައިން ކަރަންޓު ކަނޑާލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވެއެވެ.

މިދިޔަ އާދީއްތަ ދުވަހު ކަރަންޓުގެ ހިދުމަތް ކަނޑާލި ބައެއް ތަންތަނުގެ ތެރޭގައި ސަލްޓަން ޕާކާއި ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީސް، އަދި ބިދޭސީ މުވައްޒަފުން އުޅޭ ކުއާޓާތައް ހިމެނެއެވެ.