ރަޝިއާއިން ޔޫކްރައިން އަށް ދެމުން ދާ ހަމަލާތައް މައިތިރި ކޮށް ފަހާލަން ޔޫކްރައިން އިން ބޭނުންވާ ޒަމާނީ ހަނގުރާމަމަތީ ޓޭކްން ދޭން އެމެރިކާ އާއި ޖަރުމަނާއި ނޭޓޯގެ ގައުމުތަކުން ހުއްދަ ދިނުމާއެކު އެ ޓޭންކްތައް އަންދާލާނެ ކަމަށް ރަޝިއާއިން ބުނެއެވެ.

ހާއްސަކޮށް އެމެރިކާއިން ދޭ އަބްރަމްސް ޓޭންކަށް އިޝާރާތްކޮށް ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، އެެމެރިކާގެ ޓޭންކް ތަކަކީ އެއްވެސް އެއްޗެއް ނޫން ކަމަށާއި ޔޫކްރައިނަށް ފޮނުވަން ނިންމުމަކީ ބޭކާރު ހަރަދެއް ކުރުން ކަމަށެވެ. އަދި އެއީ މާ މޮޅު ޓޭންކެއްވެސް ނޫން ކަމަށާއި އެހެން ހުރިހާ ޓޭންކެއް އަންދާލާހެން އަންދާލާނެ ކަމަށެވެ.

މީގެ އިތުރުން ކްރެމްލިން އިން ވަނީ ޑޫމްސް ޑޭ (އިންސާނީ ދަރިފަސްކޮޅުގެ ނިމުން އަންނަ ވަގުތު ކަމަށް އެޓޮމިކް ސައިންޓިސްޓުން ބުނާ ވަގުތު) ޖެހޭ ކަމުގެ އެލާމް ވެސް ކޮށްފައެވެ. ކްރެމްލިން އިން ބުނީ މީގެ ކުރިން އެވަގުތު ކަމަށް ކަނޑައަޅާފައި އޮންނަ ދަންވަރު 12 ޖެހުމުގެ 10 ސިކުންތު ކުރިއަށް މިއަހަރު އެވަގުތު ޖައްސައިފި ކަމަށާއި މިއީ މުޅި ދުނިޔެއަށް ވެސް ނާޒުކު ވަގުތެއް ކަމަށެވެ. އެމެެރިކާ އާއި ނޭޓޯއިން އިހުތިޔާރު ކުރި މަގަކީ އެއްވެސް ބަޔަކަށް ފަސޭހަ މަގެއް ނޫން ކަމަށާއި ރަޝިއާ އާ ދެކޮޅަށް އެމީހުން ގުޅިގެން އަޅާ ފިޔަވަޅުތަކަކީ އޭގެ މުގާބިލުގައި ފިޔަވަޅު ނާޅާ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެއެވެ.

ޖަރުމަނުގައި އުފައްދާ އެންމެ ކާމިޔާބު އަސްކަރީ ޓޭންކް، ލެޕާޑް 2، ޔޫކްރައިން އަށް ދޭން އެގައުމުން ހުއްދަ ދިނުމާއެކު ޕޮލަންޑާއި ސްޕެއިން އާއި ނޭޓޯގެ އެހެން ގައުމުތަކުން ދަނީ އެ ބްރޭންޑްގެ ޓޭންކް ފޮނުވަން ތައްޔާރު ވަމުންނެވެ. ޖަރުމަނުގެ މި ހުއްދައާއެކު ޔޫކްރައިން އަށް ނޭޓޯ އިން ފޮނުވަނީ ކިހާ ޓޭންކެއް ކަން އަދި ސާފު ނުވި ނަމަވެސް ޖަރުމަނުން އެކަނި 14 ޓޭންކް ފޮނުވާނެއެވެ. އެމެރިކާއިން އަބްރަމްސް މަރުކާގެ 30 ޓޭންކް ފޮނުވާނެއެވެ.

އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުގެ މި ނިންމުމާއެކު ހަނގުރާމަ، އާ މަރުހަލާއަކަށް ދާނެ ކަމަށް މުރާސިލުން ބުނާ އިރު، ރަޝިއާއިން ދަނީ އަތުވާނެ ނުރައްކާތެރި ހަމަލާތަކުން ދިފާއުވުމަށް މޮބައިލް ނިޒާމުތައް އެކި އިމާރާތްތަކުގެ މަތީގައާއި މުހިންމު އުމްރާނީ ވަސީލަތްތަކުގެ ކައިރީގައި ބަހައްޓަމުންނެވެ.

ހަނގުރާމައިގެ މިހާރުގެ ހާލަތަށް ބަލާއިރު، ކުލީ ސިފައިން ބޭނުން ކޮށްގެން ރަޝިއާއިން ހިފި ލޮނުގެ އަވަށް، ސޮލްޑާ އިން ޔޫކްރައިން ސިފައިން ފައިބާފިއެވެ. އަދި ކުލީ ސިފައިން މިހާރު ކުރިއަރަމުން ދަނީ ބަކްމޫޓު ސަރަހައްދުންނެވެ. މީގެ އިތުރުން ރަޝިއާގެ އެޓްލާންޓިކް ފްލީޓު ވަނީ ތައްޔާރީ ހާލަތަށް ގެނެސް ހަމަލާއަށް ތައްޔާރުވުމުގެ ޓެސްތްތައް ހަދާފައެވެ. މީގެ އިތުރުން އެއްގަމު މަގުން ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް ޓީ90 މަރުކާގެ ޓޭންކުގެ އިތުރުން ޓީ14 އަރްމަޓާ ޓޭންކް ވެސް ނެރެން ތައްޔާރު ކޮށްފި ކަމަށް ހަބަރުތައް ބުނެއެވެ.