ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުންނެވި އިރު، 2002 ގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމަކީ މޯދީގެ ރުހުން އޮވެގެން ކުރި ކަމެއް ކަމަށް ބުނެ ބީބީސީން އާންމު ކުރި ޑޮކިއުމެންޓަރީ އާ ގުޅޭ މައުލޫމާތު ނޭނގޭ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ، އިންޑިއާ އާއި އެމެރިކާ އަކީ ދިރުން ހުރި އުންމީދީ ދެ ޑިމޮކްރަސީ ކަމަށާއި ދެގައުމުން ގެންގުޅޭ ސިޔާސަތުތަކުގެ ފުރިހަމަ މައުލޫމާތު ހުރި ނަމަވެސް ބީބީސީގެ ޑޮކިއުމެންޓަރީއަ ބެހޭ މައުލޫމާތު ނެތް ކަމަށެވެ.
ޕްރައިސް ވިދާޅުވީ، ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަނީ ބަދަހި ގުޅުމެއް ކަމަށާއި އިންޑިއާގެ ޑިމޮކްރަސީ އަކީ އުންމީދުން ފުރިގެންވާ ޑިކޮމްރަސީއެއްގެ އިތުރުން އެެމެރިކާއިން ބަލަލީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއެކު ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކުން ކުރިއަށް ދިޔުމަށް ކަމަށެވެ.
ގުޖުރާތު ގަތުލުއާންމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ޕްރައިސް ވިދާޅު ނުވި އިރު، ބީބީސީން ދެއްކި ޑޮކިއުމެންޓަރީގައި މޯދީގެ ދައުރާއި، އެ ގަތުލުއާންމު ހުއްޓުވުމަށް މޯދީ ހުރަސްއެޅުއްވި ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ ދުވަސްވަރު އިނގިރޭސި ހާރިޖީ ވަޒީރަކަށް ހުންނެވި ޖެކް ސްޓްރޯވެސް ވަނީ އެ ޑޮކިއުމެންޓަރީ އަށް އިންޓަވިއު ދެއްވާ، އިނގިރޭސީން ހިންގި ތަހުގީގުން ފާހަގަ ވި ކަންކަން ހާމަ ކުރައްވާފައެވެ.
އެ ޑޮކިއުމެންޓަރީގައި ބުނެފައި ވަނީ ގަތުލުއާންމު ހުއްޓުވަން އިންޑިއާގެ ފުލުހުން މަސައްކަތް ކުރުމުން މޯދީ އެކަމަށް ހުރަސްއެޅުއްވި ކަމަށެވެ. ނަމަވެސް މި މައްސަލައިގައި މޯދީ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. އަދި އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ބީބީސީގެ ރިޕޯޓަކީ އެއްއަތަކަށް ޖެހި ފަތުރާފައިވާ ޕްރޮޕެގެންޑާއެއް ކަމަށާއި އިނގިރޭސީންގެ އިސްތިއުމާރުގެ ސިފަ ޖައްސާފައިވާ ޑޮކިއުމެންޓަރީއެއް ކަމަށެވެ.
މި ޑޮކިއުމެންޓަރީގެ މައްސަލަ ހޫނުވެ، އިންޑިއާގައި ދެއްކުން މަނާކޮށް، ޔޫޓިއުބާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުން ވެސް މިހާރު ވަނީ މި ޑޮކިއުމެންޓަރީ ނަގާފައެވެ.
މުނާފިޤް އެމެރިކާ