މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ކްރިސްޓިއަނޯ ރޮނާލްޑޯ އަލަށް ގުޅުނު ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ކްރޮއޭޝިޔާގެ ކެޕްޓަން އަދި ރިއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވެސް ގެންދަން އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެއްޖެއެވެ.

ސައުދީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލް ނަސްރުން ވަނީ މޮޑްރިޗް އަށް 40 މިލިއަން ޕައުންޑްގެ އެއްބަސްވުމެއް ހުށަހަޅާފައެވެ. އަދި މިއީ ދެ އަހަރާ ބައިގެ އެއްބަސްވުމެއް ކަމަށާ އަހަރަކު 20 މިލިއަން ޕައުޑް ދިނުމަށް ކްލަބުން ހުށަހަޅާފައިވާ ކަމަށް މި ރިޕޯޓްތައް ބުނެއެވެ.

މިއީ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ ވެސް ފަހު ވޯލްޑްކަޕް މުބާރާތް/ފޮޓޯ: ޓުވިޓާ

މީގެ އިތުރުން އަލް ނަސްރުގެ އޮފާ މޮޑްރިޗް ގަބޫލުކޮށްފައިވާ ކަމަށްވެސް ސައުދީގެ ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ދާދި އަވަހަށް ކްލަބުން އެކަން ހާމަކުރާނެ ކަމަށް ވެސް މި ރިޕޯޓްތައް ބުނެއެވެ.

2012 ވަނަ އަހަރު އިންގްލިޝް ޕްރިމިއާ ލީގުގެ ޓޮޓެންހަމްއިން ރިއާލްއާ ގުޅުނު މޮޑްރިޗްއާ ރިއަލްއާ ދެމެދު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖުލައި މަހު ހަމަވާނެއެވެ. އުމުރުން 37 އަހަރުގެ މޮޑްރިޗް ރިއާލްއާއެކޮށް ހަދާފައިވާ އެއްބަސްވުން އާ ނުކުރާނެ ކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެތުރިފައެވެ.

މޮޑްރިޗް ވަނީ ރިއާލްއާއެކު 3 ފަހަރު ލީގު ހޯދާ ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައެވެ. 2018 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި މޮޑްރިޗްގެ ކެޕްޓަން ކަމުގައި ކްރޮއޭޝިޔާ ވަނީ މިދިޔަ ވޯލްޑްކަޕްގެ ތިން ވަނަ ހޯދާފައެވެ.