ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް ނޮޓިފިކޭޝަން ފޮނުވައިފިއެވެ.
5 ދުވަހުގެ ސްޓޭންޑްސްޓިލް މުއްދަތަކަށް ފަހު، މާލިއްޔަތު ގަވާއިދުގެ ދަށުން އެފަރާތަށް ރަސްމީކޮށް މަޝްރޫއު އެވޯޑުކުރެވިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ލައުންޖް ވަސީލަތްތައް ތަރައްގީ ކުރެވިގެން ދާނެއެވެ. މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުން ކުރުމަށް ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ތަރައްގީ ކޮށް އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއާޕޯޓުގެ މަގުތަކާއި އެއާޕޯޓްގެ ޕާކިން ސަރަހައްދުތައް ތަރައްގީ ކުރުން ވެސް މި މަޝްރޫއުގައި ހިމަނާފައި ވެއެވެ.
މި މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ އަދި މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް އިކޮންމިކް މިނިސްޓްރީ އިން ބުނެފައި ވެއެވެ. މި މަޝްރޫއާއެކު ބައިނަލްއަގުވާމީ ދުނިޔެއާއި ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓާނޭޝަލް އެއާޕޯޓް ތަރައްގީ ކުރެވިގެން ދާނެއެވެ.
ދެކުނުގެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްގީ ކުރުމުގައި ގަން އިންޓާނޭޝަލް އެއާޕޯޓް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފައި ވެއެވެ.
އައްޑޫ ސިޓީގައި އިގްތިސޯދީ ހަބެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މުހިއްމު ދައުރެއް އަދާ ކުރާނެއެވެ.
މި މަޝްރޫއު ކާމިޔާބު ކުރި ފަރާތް ހާމަ ކުރާނީ ސްޑޭންޑްސްޓިލް މުއްދަތު ނިމި ރަސްމީކޮށް އެފަރާތަށް އެވޯޑް ކުރުމުންނެވެ. ސްޑޭންޑްސްޓިލް މުއްދަތުގައި މަޝްރޫއު ކާމިޔާބު ކުރި ފަރާތުން އެކަން ގަބޫލުކޮށް ސަރުކާރަަށް އަންގާނެއެވެ.