ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް އެ މަޝްރޫއިން އުނިކުރަން ނިންމީ އެ ސަރަހައްދުގައި ހުރި އިމާރާތެއް ހުސްނުކުރެވުމުން ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިފަދައިން ނިންމީ އެ މަގު ހަދަންޖެހޭ ސަރަހައްދުގައި ހުރި އިމާރާތެއް ހުސް ނުކުރެވި އޭގެ ސަބަބުން އެ ބިން ކޮންޓްކްޓަރާއި ހަވާލުނުކުރެވި ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ ކަމަށެވެ. މުއްތަލިބު ވިދާޅުވީ މި އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށާއި، ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތް ކޮށްގެންވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިމަހު 17 ގެ ކުރިން މިކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ. އަދި ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ
މިނިސްޓަރު މުއްތަލިބު

އެއާއެކު މިނިސްޓަރު ވިދާޅުވީ މިކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި، އުންމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަގުގެ މަސައްކަތް މަޝްރޫއިން އުނިކުރުމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި މަޝްރޫއުގެ ސްކޯޕުން ބޮޑު ބައެއް އުނިކުރަން ނިންމި ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ބީރަށްޓެހި ނިންމުމެއް ކަމަށް ބުނެފައެވެ.

އަދި މި ނިންމުމަކީ ދިމިގްރާތީ މުޖުތަމައުތަކުން އަމަލުކުރާާ އުސޫލުތަކާ ނުބައްދަލު، މުޅި ދެކުނުގެ ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށްވެސް އެ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.