ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވާ ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުން ކޮންމެ ދުވަހަކު ވެސް ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ ގޮތް ހަދައިފިއެވެ.

މިކަން ހާމަ ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، މިއަދުގެ އަސްރު ނަމާދު ވަގުތުން ފެށިގެން އެެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

ވެލާނާ އެއާޕޯތްގެ އާ ޓާމިނަލް ރޭ ހުޅުވާފައިވާ އިރު އެންމެ ފުރަތަމަ އެ ޓާމިނަލުން ހިދުމަތް ދީފައި ވަނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 ގައި އިންޑިއާގެ ކޮޗިން އިން މާލެއަށް މިއަދު މެންދުރުފަހު އައި ފަސިންޖަރުންނަށެވެ. މިއަދުން ފެށިގެން އާ ޓާމިނަލް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓުތަކަށް ހިދުމަތް ދޭން ފަށާފައިވާއިރު، އަވަސް މުސްތަގުބަލެއްގައި އެހެން އެއާލައިންތަކުގެ ފްލައިޓުތަކަށް ވެސް ހިދުމަތް ދޭން ފަށާނެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަސް ތެރޭ، އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ މަތިންދާ ބޯޓުތަކަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކޮށް، ރޭ އާ ޓަމިނަލް ހުޅުވީ ތާރީހީ ހަވާ އެރުވުމަކާއި ޑްރޯން ޝޯވްއަކާ އެކީގައެވެ. މި ހަފްލާގައި ރައީސް ޑރ. މުއިއްޒު އާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

2016 ވަނަ އަހަރު ފެށި އާ ތަމިނަލްގެ މަސއްކަތް ނިންމާލާފައި މިއަދު ހިދުމަތް ދޭން ފަށާފައިވާ އިރު، އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައެވެ. އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.