ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބޭނުން ކުރަމުންދާ އޭ320 ގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން ބުނީ އޭ320ގެ މެއިންޓެނެންސް އަށް ފަހު މިހާރު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެ ބޯޓުގެ ދަތުރުތައް ގަމަށް ފަށަން ނިންމާފައި ވަނީ އޭޕްރިލް 10 ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

އޭ320ގެ ދަތުރުތައް ހަފްތާއަކު ދެ ދުވަހު އައްޑޫ ސިޓީއަށް ކުރުމަށް ހަމަޖެހިފައިވާއިރު މޯލްޑިވިއަން އިން ބުނީ މި ދަތުރުތައް އޮންނާނީ ބުރާސްފަތި، ހޮނިހިރު ދުވަހު މާލެ - ގަން، ގަން - މާލެ އަށް ކަމަށެވެ.

މީގެ ކުރިންވެސް މޯލްޑިވިއަން އިން އައްޑޫ ސިޓީއަށް އޭ320 ގެ ދަތުރުތައް ބާއްވާފައިވާއިރު އޭރުވެސް އައްޑޫ ސިޓީއިން ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. މިހާރުވެސް މޯލްޑިވިއަން އިން އައްޑޫ ސިޓީއަށް ދުވާލަކު 3 ދަތުރު ބާއްވަމުން އަންނައިރު، ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މޯލްޑިވައަންގެ ޓިކެޓު ހޯދުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވެއެވެ.