ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު މިއަދު ހުޅުވައިފިއެވެ.

އޮރެންޖު ހިޔާގެ ފުރަތަމަ ފަންގިފިލާގައި ގާއިމުކުރި އެ ޑަޔަލަސިސް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.

މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ހިދުމަތްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ޖުމްލަ 30 އެނދާއެކު ހުޅުވި މި ސެންޓަރުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ޑަޔަލިސިސްގެ ހިދުމަތް ދެނީ 10 އެނދުގެ ޑިޕާޓުމަންޓަކުންނެވެ. ނަމަވެސް އެ އަދަދު 30 އަށް އިތުރުވުމުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް އެކަމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލޭ ޑަޔަލިސިސް ސެންޓަރު ރައީސް ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ސިއްހީ ހިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެކެވެ. މިގޮތުން މިހާރުވެސް، ސިއްހީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ.