ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އާ ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫތައުކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުހައްމަދު ސާއިފް އަލް ސުވައިދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ވަފުދަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިހުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި ހަމަ އެހެންމެ ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫއުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަބޫދާބީ ފަންޑުގެ ޑިރެކްޓަ ޖެނެރަލް، މުހައްމަދު ސާއިފް އަލް ސުވައިދީ ރައީސް އާއު ބައްދަލު ކުރައްވަނީ

އަބޫ ދާބީ ފަންޑުން ދަނީ މިހާރުވެސް ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް އެހީވަމުންނެވެ. އެގޮތުން ރޭ ހުޅުވި ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ އިތުރުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވެސް އެ ފަންޑުން މާލީ އެހީ ދިން ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.

އަދި ހަމަ އެހެންމެ ދާދި ފަހުން ވަނީ އޭޑީއެފްޑީގެ މާލީ އެހީތެރިކަން ހޯދަން ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު، މޫސާ ޒަމީރާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުހައްމަދު ސާއިފް އަލް ސުވައިދީ މަޝްވަރާ ކުރައްވާފައެވެ.

މެއި މަހު ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޒަމީރު ޔުއޭއީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.