ފޮރެކްސް ޓްރޭޑިންގެ ނަމުގައި ގިނަ މީހުންގެ އަތުން ފައިސާ ނަގައި ޕޮންޒީ ސްކީމެއް ހިންގި މައްސަލައިގައި ކިންގްސް ކުންފުނީގެ ފައިސާ ހިފަހައްޓާފައި ވަނީ ގޯސްކޮށް ކަމަށާއި، ފައިސާ ހިފެހެއްޓި މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓް ކުރި އިރު، ބީއެމްއެލުން ވަނީ މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފެހައްޓާފައެވެ. މި މައްސަލައިގައި ކިންގްސް ކެޕިޓަލުން ވަނީ އެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށް ދައުވާ ކޮށްފައެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބަލައި ކުރި ހުކުމުގައި ބުނެފައި ވަނީ، ކިންގްސް ކެޕިޓަލްގެ އެކައުންޓް ޑީއެކްޓްވޭޓް ކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެން ނުވާ ކަމަށެވެ.
ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައި ނުގަތުމަށެވެ. ނަމަވެސް އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެ އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް އެ ހުކުމުގައި ވެއެވެ. އެއްބަސްވުމަކާ ހިލާފްވެއްޖެ ނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން ކިންގްސް ކެޕިޓަލްގެ ފައިސާ ހިފަހައްޓާފައިވާ 14 ދުވަހުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެއެވެ.
ކިންގް ފޮރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި މައްސަލައާ ގުޅިގެން އަލްހާންގެ މައްޗަށް ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. މި މައްސަލައާ ގުޅިގެން އަލްހާންގެ އޮފީސްވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފައެވެ. އަލްހާން ވިދާޅުވެފައި ވަނީ، މަނީ ލޯންޑާ ކުރި ކަމަށް ބުނެ، އޭނާގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން މެދުވެރިކޮށް ކުރަމުންދާ މަސައްކަތަކީ، އޭނާއަށް ގެއްލުންދީ ބަދުނާމު ކުރުމުގެ ގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.