ސޯޝަލް މީޑިއާގައި ފާހަގަ ކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އާ ޔުނިޓެއް ހަދަން މަސައްކަތް ނުކުރާ ކަމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
އޭސީސީއިން މިހެން ބުނީ ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން މިއަދު އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް ދެކެވުނު ވާހަކައިގެ ތެރެއިން މިފަދަ މައްސަލަތައް ބެލުމަށް އާ ޔުނިޓެއް ހަދަނީ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައި ވަނިކޮށެވެ.
އޭސީސީގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ ވެސް މެއިންސްޓްރީމް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގެ އިތުރުން ކުރެވޭ ތުހުމަތުތައް ދަނީ ބަލައި މޮނިޓާކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަމުން ކަމަށް އެސީސީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭސީސީއިން ބުނީ ކޮމިޝަނުގެ އެހެން މުވައްޒަފުންވެސް ކަންކަން ކޮމިޝަންގެ ސަމާލުކަމަށް ގެންނަ ކަމަށާއި އިންތިޚާބުތަކާ ދިމާކޮށް ފުޅާދާއިރާއެއްގައި މި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ވެސް މައްސަލަތައް ބަލަމުންގެންދާ ކަމަށެވެ.
އޭސީސީއިން ބުނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުން މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ކުރިއަށް ދާނެކަމުގައެވެ.