މާލޭގެ ގޭގެއަށް ކުނި ނަގަން ދާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފަކު ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ.

ވެމްކޯ މުވައްޒަފަކަު ގެއަކަށް ކުނި ބަލައި ވަދެފައި އެގޭގެ ތެރެއަށް ބޮޑު ކަމުދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ވައިރަލް ވެފައެވެ. މި މައްސަލައާ ގުޅިގެން ވެމްކޯއިން ބުނީ، އެ ކުންފުނީގެ މުވައްޒަފަކު ޑިއުޓީ ގޑީގައި މުޖުތަމައު ގަބޫލު ނުކުރާ ފަދަ އަމަލެއް ކޮށްފައިވާ ކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށެވެ.

މިހާރު މި މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފު ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މިކަމުގައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށް ވެސް ބުނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

ގެއަކަށް ވަދެ ވެމްކޯ މުވައްޒަފަކު ބޮޑުކަމުދިޔަ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

މި ހާދިސާ ހިނގާފައި ވަނީ ރޭ 8:30 ހާއިރުއެވެ. ވެމްކޯ މުވައްޒަފަކު ގެއަކަށް ވަދެ ބޮޑުކަމުދިޔަ މަންޒަރު ފެންނަ ވީޑިއޯގައި އެ މުވައްޒަފު އެ ގެއަށް ވަދެ ލިފްޓުން މައްޗަށް އަރައެވެ. އަދި އެ އިމާރާތުގެ ފަންގިފިލާއަކަށް ލިފްޓު ދިއުމުން އޭނާ ނިކުމެ ޒާތަކަށް ދެފައި ފިއްތައިގެން ލިފްޓް ކައިރީ އުޅޭތަން ފެނެއެވެ. ދެން އެ ފަންގިފިލާގައި ހުރި އެޕާޓްމަންޓް ބޭރަށް ނެރެފައި ހުރި ކުނިތައް ގެންގޮސް ލިފްޓް ކައިރީ ބަހައްޓައެވެ. އެއަށް ފަހު އޭނާ ސިޑިން މައްޗަށް ދާ މަންޒަރު ފެނެއެވެ.

އޭގެ އިރުކޮޅެއްގެ ފަހުން އޭނާ އައިސް ލިފްޓް ހުޅުވަން ފިތާލާ އިރު އޭނާ ލައިގެން ހުރި ޖިންސް ރަނގަޅުކޮށް ކަމަރު އަޅުވާ އަދި ޒިބު އަޅުވާ މަންޒަރު ފެނެއެވެ. ދެން ކުރިން ލިފްޓު ކައިރީ ބެހެއްޓި ކުނި ދެ ކޮތަޅު ހިފައިގެން އޭނާ ލިފްޓަށް އަރައެވެ. މި ވީޑިއޯއާ އެކު އާންމުކޮށްފައިވާ އިތުރު ވީޑިއޯއަކުން، ގޭސް ފުޅިއެއް ބަހައްޓާފައި ހުރި ދިމާލުގައި ބޮޑުކަމުގޮސްފައި ހުރި ތަން ފެނެއެވެ.

މީގެ ކުރިން ވެސް ވެމްކޯ މުވައްޒަފަކު ގެއެއްްގެ ސިޑި މައްޗަށް ކުޑަކަމުދާ ތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.