ގެސްޓް ހައުސް ވިޔަފާރި ފެށިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ ރައީސް ނަޝީދު އާއި ރައީސް ސޯލިހްގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުން ދާ މި ދަނޑިވަޅުގައި ރައީސް ސޯލިހް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެށިގެން ދިޔަ ގިނަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ގޮތުން މިއަދު ކ. ގުރައިދުއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ފެށީ ރައީސް ނަޝީދުގެ ވެރިކަމުގައި ނޫންކަމަށެވެ. އަދި އޭއީ މާކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކާ އެކު ފެށިގެން ދިޔަ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައިސް އެ އިޝާރާތް ކުރެއްވި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ޖުލައި 7، 2008 ގައި އޭރެ މާލޭގެ މެންބަރު މުހައްމަދު ޝިހާބެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މީގެ ކުރިން ރަށްރަށުގައި ގެސްޓު ހައުސް ހެދުަމަކީ މަނާކަމެއް ކަމަށާއި ލޯކަލް ޓޫރިޒަމަށް ބޮޑު ބަދަލެއް އައީ މި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ރަށްރަށުގައި ގެސްޓްހައުސް ހެދޭނެ ގޮތަށް ބަދަލު ގެނައީ ކޮން އިރަކު ކޮން ބައެއްތޯ މިއީ ވެސް ވިސްނަން ޖެހޭ ކަމެއްކަމަށެވެ.

މި ގޮތުން ރައީސް ވިދާޅުވީ ރަށްރަށުގައި ގެސްޓްހައުސްތައް އެޅުނީ ސަރުކާރަށް ލާޒިމް ކުރާ ގަރާރެއް މަޖިލިސް ތެރެއިން ފާސް ކުރުމާ ގުޅިގެން ކަމަށާއި އެ ގަރާރު ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އަދި އެއީ ރައީސް ނަޝީދުގެ ވެރިކަން ފެށުމުގެ ކުރިން ފާސްކޮށްފައިވާ ގަރާރެއްކަމުގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.