އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް)ގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު މަސައްކަތުގެ އީއައިއޭ މަރުހާލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް ހިއްސާކޮށްދިނުމަށް އެދުމާ ގުޅިގެން ގުޅިގެން ނޮވެމްބަރު 28، 2022 ގައި ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި އދ. ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ގެ ސަރަހައްދެއްކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގައި ނެގުނު ވެލިތައް އަލަށް ގާއިމްކުރެވުނު ބަނދަރާއި އިންވެގެން ބަނދަރުގެ "ކީ ވޯލްގެ" ފަހަތަށް އަޅާފައިވާކަމަށް ބަޔާންކޮށް، އދ. ހުރުއެޅި ބަނދަރުގެ މަސައްކަތްތައް ޖުލައި 15، 2022 ގައި ފަށައި، ސެޕްޓެމްބަރު 30، 2022 ގައި ނިންމާފައިވާކަމަށް އިއުތިރާފްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

އީޕީއޭއިން ބުނީ، އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީއައ.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން ގާނޫނު ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު ގެ ދަށުން 20,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28,469,525.00 ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މިއާއެކު ޖުމްލަ 28,489,525.00 ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާކޮށްފައެވެ.

އީޕީއޭއިން ވަނީ މި ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ތެރޭގައި ދެއްކުމަށް އަންގާފައެވެ.