ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑަން ސަރުކާރުން ދިން މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުށްވެރިކޮށް އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅުން މިފަދައިން ބުނެފައި ވަނީ ސްވިޑަންގެ ސްޓޮކްހޯމް ގައި ހުންނަ ތުރުކީ އެމްބަސީގެ ކުރިމަތީގައި ހަރުކަށި ޕާޓީއަކުން ކުރި މުޒާހަރާއެއްގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެ ކޯލިޝަނުން ބުނީ މުސްލިމުންނާ ދެކޮޅަށް ހިންގޭ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށް ވެސް އެ ކޯލިޝަނުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.
އެ ކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އިދިކޮޅުން ވަނީ ސްވިޑަން ސަރުކާރުން ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ އަމަލުތަކުން ދުރުވުމަށް އެންމެހާ ގައުމުތަކަށް ގޮވާލާފައެވެ. އަދި ސްވިޑަން ސަރުކާރުން ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާ އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ގޮވާލައިފައި ވެއެވެ.