ތިން އަހަރު ދުވަހުގެ މުއްދަތަކަށް އޮލިމްޕަސް ބަންދުވެފައި އޮތުމަށް ފަހު އަލުން އޮލިމްޕަސް ހުޅުވާއިރު އަޅުވާ ފުރަތަމަ ފިލްމު "ބީވީމާ"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމު ސިނަމާގައި އަޅުވާނީ އަންނަ މަހުގެ ހަވަނަ ދުވަހުގައެވެ. ރެޑް ކާޕެޓް އިވެންޓު 20:00 ގައި ފަށާއިރު ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ 21:00 ގައެވެ. މި ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައި ވާއިރު މި ފިލްމަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ، ދިވެހި ފިލްމީ އިންޑަސްޓްރީ އަށް ނުކުންނަ ފުރަތަމަ ފިލްމެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މުހައްމަދު ވިޝާން (ކަނޑި) ކެމެރާ ކުރާ މި ފިލްމުގެ ތަރިންނަކީ ލަވަކިޔުންތެރިޔާ އަޝްފާ، ކޮޕީ އިއްސެ، އައިޝަތު ޔާދާ، ސިލްނާ، އާޝާ، އައިޝަތު އަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރު އެވެ. އޭގެ އިތުރުން އަލީ ޝަޒްލީމް އާއި ޑާކްރެއިންގެ 'މިއީ ލޯތްބަކީ' އިން ފެނިގެންދިޔަ ލަވަކިޔުންތެރިޔާ އަމަންގެ ކޮއްކޮ އާދަމް ޒިދާން (ނާނަ) ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ ރަސްމީ ޓްރެއިލާ މިހާރު އާންމުކޮށްފައި ވާއިރު ޓްރެއިލާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައި ވެއެވެ. ޑާކްރެއިނުން މިހާރުވެސް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތިން ފިލްމެއް އެބައޮތެވެ. އެއީ "ބަޅިނދު"، "ނޮވެމްބަރު" އަދި "ހިނދުކޮޅެއް" މި ތިން ފިލްމެވެ.