ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފާޑުވިދާޅުވެއްޖެއެވެ.

މިހާރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ޒަމާނުން ފެށިގެން އޮތް އާއިލީ ވެރިކަމުގެ ނިޒާމު ކަމުނުދާތީ ކަމަށާއި ސިޔާސީ މައިދާނުގައި ކޮންމެ ރައްޔިތަކަށް ވެސް ހަމަ ހަމަ ފުރުސަތުތައް ހޯދައިދިނުމަށް ތަރުތީބު ވެގެން އިންތިޒާމު ވެގެން ކަމަށެވެ.

އެމްޑީޕީ އުފެއްދީ ޑިމޮކްރެޓިކް އުސޫލުން އަގުލަބިއްޔަތަށް ތަވާބެ ހިންގޭ ވެރިކަމެއް ގާއިމް ކުރަން ކަމަށާއި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދުލު އިންސާފުގެ ނިޒާމަށް ސިޔާސީ ނިޒާމުން އެއްކިބާކުރުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ދެން ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޔާމީންއަކީ ފިކުރީ އަދި ތައުލީމީ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ދާދި ފަހުން ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ނަޝީދު ވަނީ އެ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުމެއް އޮތީ ހަމައެކަނި 'އިންޑިއާ އައުޓް' މައްސަލަ އާ ގުޅިގެން ކަމަށްވެސް ވިދާޅުވެފައެވެ.

އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މާރިޔާ ވަނީ މިހާރަކަށް އައިސް ރައީސް ނަޝީދު، ރައީސް ޔާމީނާއި ނަޝީދާ އެއްގޮތޭ ވިދާޅުވާ ކަމަށާއި އިންޑިއާ އައުޓް ފިޔަވާ އެމަނިކުފާނަށް ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުދާ ވާހަކަތަކުގެ އަޑުއައްސަވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ އެކްޓިވިސްޓުން އެމަނިކުފާނުގެ އިސްތިގުބާލުގައި ނިކުންނަ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިއަދު އެންމެ ބިރު ހީވަނީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކު ކޯލިޝަނެއް ހައްދަވާފާނެތީ ކަމަށެވެ. އަދި މާރިޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް ނަޝީދު ހައްޔަރުކުރެއްވި ވާހަކަ ވެސް ދައްކަވާ ފާޑުވިދާޅުވެފައެވެ.

" މިއަދު އަޅުގަނޑަށް އެންމެ ބިރު ހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާއެކު ކޯލިޝަނެއް ހައްދަވާފާނެތީ. އަޅުގަނޑުމެން މިއަދު މިތާ ތިބެ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވާނީ ވިސްނާ ވަޑައިގަންނަވަންޗޭ. ރައީސް ޔާމީންގެ ވިޝަން އަޅުގަނޑުމެން ހިންގަވާ ހަނދާން ކޮށްލަވަން . ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާއެކީ ޝަރީއަތް ހިންގާ ރައީސް ނަޝީދަށް ހުކުމްކުރެއްވި."
މާރިޔާ

ރައީސް ނަޝީދު ނިކުމެވަޑައިގެން ރައީސް ޔާމީނަކީ ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް ވިދާޅުވުމުން ހިތަށް އުނދަގޫވާ ކަމަށާއި ޖަޒުބާތުގައި ޖެހިގެންވެސް އެމަނިކުފާނު އެފަދަ މޮޔަ ކަމެއް ކުރެއްވިޔަ ދީގެން ނުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.