ކޮވިޑް ތެރޭގައި އެމެރިކާ ޗައިނާ، ޖަޕާންގެ އިތުރުން ގިނަ ގައުމުތަކުގެ މަގުމަތީގައި މީހުން މަރުވަމުންދިޔަ މަންޒަރު ޓީވީތަކުން އެންމެނަށް ފެނުނު ކަމަށާއި ރާއްޖޭގައި އެ މަންޒަރު ފެނިގެ ންގޮސްފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުފުޅެއްގައި ށ ކަނޑިތީމަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަންޒަރު ރާއްޖެއިން ފެނިގެން ގޮސްފައި ނުވަނީ ކޮވިޑްގެ ތެރޭގައި ސަރުކާރުން ވިސްނުންތެރިކަމާއި ރޭވުންތެރިކަމާ އެކު ގޮންޖެހުންތަކާ ކުރިމަތިލައިފައި ވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގައި ބޯޑަރު ބަންދުކުރަން މަޖުބޫރުވި ކަމަށާއި އެކަމުގެ ސަބަބުން ގައުމު ހުއްޓުމަކަށް އައި ކަމަށެވެ. ނަމަވެސް ސަރުކާރުން އޭރު އިސްކަން ދިނީ ރައްޔިތުނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައި ދީ ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. އެގޮތުން މި ހިދުމަތްތައް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ފެންވަރެއްގައި ދެވުނު ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް ސަބަބުން ކުރިމަތިވި ދަތި އުނދަގޫ ތަކުން އަރައިގަތުމަށް ސަރުކާރުގެ ކުންފުނިތައް، މިނިސްޓްރީތައް، މަޖިލީހުންގެ މެންބަރުންގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބުނުކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިހާރު ދަތިތަކުން އަރައިގަނެވި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަން ދާކަން ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ނުރަނގަޅު އަސަރު ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނަށް ކުރިވަރާ ގާތަށް ވެސް ދިވެހި ރައްޔިތަކަށް ކޮށްފައި ނުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ނަމަވެސް ކޮވިޑް ގެ ސަބަބުން އެތައް ދިވެހިންގެ ވަޒީފާ ގެއްލުމުގެ އިތުރުން ދިވެހިރާއްޖޭގައި 311 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.