މީގެ އެއް މަސް ދުވަސް ކުރިން ފީފާ ވޯލްޑްކަޕް ތަށި އުފުލާލި އާޖެންޓީނާ ޓީމު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރެއް ކުރަން ނިންމައިފިއެވެ.

މިކަމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވީ، މިކަމުގައި ދެ ގައުމުން ވާހަކަތައް ދައްކަމުންދާ ކަމަށާ މި މަޝްވަރާތައް ގާތްގަނޑަކަށް ނިމި ޖޫން މަހު އާޖެންޓީނާގެ ޓީމު ބަންގްލަދޭޝްއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ބުނީ މިއަހަރުގެ ޖޫން މަހު ބަންގްލަދޭޝްއަށް އަންނަން ބޭނުންވާ ކަމަށް ބުނީ އާޖެންޓީނާއިން ކަމަށެވެ.

ބަންގްލަދޭޝްއަށް ދާ ޓީމުގައި ކެޕްޓަން ލައިނަލް މެސީގެ ހިމެނޭނެ ކަމަށް ބެލެވޭ އިރު މިދަތުރުގައި އާޖެންޓީނާއާއި ބަންގްލްދޭޝްގެ ދެމެދު ރަހްމަތްތެރިކަމުގެ މެޗެއް ކުޅޭނެއެވެ.

ގަތަރުގައި ކުރިއަށް ދިޔަ ވޯލްޑްކަޕް މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް ތަށި އުފުލާލި އާޖެންޓީނާއަށް އެގައުމުގެ ބޭރުން އެންމެ ގިނަ ސަޕޯޓް އޮތް އެއް ގައުމެއްގެ ގޮތުގައިި ފެނިފައިވަނީ ބަންގްލަދޭޝްއެވެ.

ބަންގްލްދޭޝްގެ އެތަށް ހާސް ބަޔަކު އާޖެންޓީނާއަށް ސަޕޯޓްކުރޭ/ފޮޓޯ: ގޫގަލް

މިގޮތުން ބަންގްލަދޭޝްގައި ބޮޑު ސްކްރީނުތަކުގައި އާޖެންޓީނާގެ މެޗުތައް އަޅުވާ އެތަށް ބަޔަކު މެޗުތައް ބަލަން ގޮސް ތިބޭތަން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.