ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ކަންކަމުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށާއި މުސާރަ ބޮޑު ކުރުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ މީނިސްޓްރީގެ އޮފިޝަލް ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ އިރު މިފަހަރަު ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ފަންނީ ދާއިރާގައި ތިބި އެންމެންގެ މުސާރަ ބޮޑުވާނެ ކަމަށެވެ. ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވި ގޮތަށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން މި އަހަަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މިހާރު ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށް ބުނާ އިރު، މުސާރައަށް ބަދަލު އަންނާނެ ސީދާ ތާރީހެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އެ ތަފްސީލްތައް ހާމަ ކުރައްވާނީ ރައީސް ސޯލިހް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި 3 ވަނަ ވިޔަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ އެކި ދާއިރާތަކުން ލިބޭ އާމްދަނީ ރަނގަޅު ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށާއި ދެން އެންމެ އަވަހަށް މުސާރަ ބޮޑު ކުރާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. ސިއްހީ ދާއިރާ ކުރިއަރުވަން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މޮބައިލް ލެބޯޓްރީގެ ހިދުމަތް ލިބެން ނެތް ދާއިރާތަކަށް އެ ހިދުމަތްތައް ތައާރަފްކޮށް، ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއަހަރަށް ފާސްކުރި 42.68 ބިލިއަން ރުފިޔާގެ ބަޖެޓުގައި 5.02 ބިލިއަން ރުފިޔާއަކީ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައި ވާ ބަޖެޓެވެ. އެއީ މިދިޔަ އަހަރު ކަނޑައަޅާފައިވާ ބަޖެޓާ އަޅާ ބަލާ އިރު 530 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރު ކުރުމަށް ބަޖެޓުގައި ހިމަނާފައިވާ އިރު އެ ދާއިރާއިން 1000 މުވައްޒަފުން އިތުރުކުރަން ވެސް ވަނީ ހިމަނާފައެވެ.
ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަން އާންމުކޮށް އިއުލާން ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.