ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަންނަ މާޗު މަހުގެ 18 އިން 20 އަށް ބޭއްވުމަށް ފުލުހުންނާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ޕޮލިސް ބޯޑުން ނިންމައިފިއެވެ.
މި ކޮންފަރެންސް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ކޮންފަރެންސްގެ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުން ކަމަށާއި ގާނޫނު ތަންފީޒު ކުރާ އިދާރާތައް، ޔުނިވާސިޓީ، ކޮލެޖް މަދަނީ ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންގެ މަޝްވަރާއާއެކު މި ކޮންފަރެސްއަށްފަހު ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރެވިގެންދާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ޕޮލިސް ބޯޑްގެ ޗެއާމަން އަހްމަދު ފަސީހް ފާހަގަކޮށްފައިވަނީ މި ކޮންފަރެންސްއަށް 10 ދާއިރާއަކުން ގާނޫނު ރިސާޗް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ދާއިރާތައް:
- ކްރައިމް ޕްރިވެންޝަން
- ނެޝަނަލް ސެކިއުރިޓީ އެންޑް ކައުންޓާ ޓެރަރިޒަމް
- ފައިނޭންޝަލް ކްރައިމް އެންޑް އެންޓި މަނީ ލޯންޑަރިން
- ސައިބާ ކްރައިމް
- ފޮރެންސިކްސް
- ލީޑާޝިޕް
- އޯގަނައިޒޭޝަން ރެސީލިއަންސް އެންޑް އޮފިސާސް ވެލްބީން
- އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ
- ޓްރާންސްޕޯޓް އެންޑް މެރިޓައިމް ސެކިއުރިޓީ
- އެފިޝެންސީ އެންޑް އިފެކްޓިވްނަސް ރޯޑް ސޭފްޓީ
މި ކޮންފަރެންސްގެ ތެރެއިން މުޖުތަމައުގައި ހިގާ ކުށްތަކާއި ހިންގާ ކުށްތައް މަދުކުރުމަށް ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފުލުހުންގެ މަސައްކަތްތައް ބަދަލު ކުރެވިގެންދާނެއެވެ. ދިރާސާތަކުގެ އަލީގައި ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ފުލިހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް މުހިންމު ކަމެއްކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
ތިން ދުވަހަށް ރާވައިލައިގެން ކުރިއަށް ގެންދާ މި ކޮންފަރެސްގައި ރިސާޗް ޕޭޕަރު ހުށައެޅުމާއި ކުށްކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމުގެ އެކްސްޕޯއެއް ހިމަނާފައިވެއެވެ. މީ މިފަދަ ކޮންފަރެންސްއެއް ބާއްވާ ފުރަތަމަ ފަހަރު ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު އެއް ފަހަރު މިފަދަ ކޮންފަރެންސްއެއް ބާއްވާނެއެވެ.