ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ހަދާނެ ގޮތެއް ނިންމާ އެ ޕާޓީގެ ގައުމީ ކޮންފަރެންސް ލަސްވެގެން މާޗްގައި ބާއްވާނެ ކަމަށް ބުނެފިއެވެ.

ޖޭޕީގެ އަސާސީ ގަވައިދުގައި ގައުމީ ކޮންފަރެންސް ބާއްވަން ދޭ އެންމެ ފަހު މުއްދަތަކީ މާޗެވެ. އެހެން ކަމުން މާޗު މަސް ނިމުމުގެ ކުރިން ގައުމީ ކޮންފަރެންސް ބާއްވާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ޖޭޕީގެ ސެކްޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް ބާއްވާނެ ތާރީހަކާމެދު ގިނަ ފަރާތްތަކުން ސުވާލު ކުރާ ކަމަށާއި. ޖޭޕީގެ އަސާސީ ގަވައިދުގެ 18 ވަނަ މާއްދާގެ ށ ގެ ދަށުން ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު، ޕާޓީގެ ހުރިހާ މެންބަރުންނަށް ތަމްސީލު ކުރެވޭ ގޮތަށް ބާއްވާ ގައުމީ ކޮންފަރެންސެއް، މީލާދީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އޮންނަ، ރިޔާސީ އިންތިހާބު އޮންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ބާއްވަން ޖެހޭ ކަމަށެވެ. ނަމަވެސް މި މާއްދާގެ ނ ގެ ދަށުން ކައުންސިލުން ނިންމައިފި ނަމަ މި ތާރީހަށް ވުރެ ކުރިން ނުވަތަ ފަހުން "އެކްސްޓްރަ އޯޑިނަރީ ކޮންފަރެންސް" އެއް ބޭއްވިދާނެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން ގައުމީ ކޮންފަރެންސް އަންނަ ފެބްރުއަރީ ފަހުކޮޅު ބޭއްވޭތޯވެސް އެބަ ބަލައެވެ.

ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީން ނިންމާ މުހިންމު ނިންމުންތައް ނިންމާނީ މި ކޮންފަރެސްގައެވެ. އެގޮތުން ޖޭޕީގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާއި އެހެން ޕާޓީއަކާ އެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގޮތް ފައިނަލް ނިންމުން ނިންމާނީ މި ކޮންފަރެސްގައެވެ.

ޖޭޕީގެ ކޮންފަރެންސް މިދިޔަ ޑިސެމްބަރު މަހު ބޭއްވުމަށް ކުރިން ހަމަ ޖައްސައިފައި އޮތް ނަމަވެސް އަދި މިހާތަނަށް ވެސް ކޮންފަރެންސް ބާއްވާފައެއް ނުވެއެވެ. ގައުމީ ކޮންފަރެންސްގެ އިދާރީ ތައްޔާރީތައް ނިމިފައިވާކަމަށާއި ކޮންފަރެންސް އާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕާޓީގެ ތަމްސީލް ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީންވެސް ވާދަ ކުރާނެކަން ވަނީ އިއުލާން ކޮށްފައެވެ. ކެންޑިޑޭޓަކީ ކާކުކަން ހާމަ ނުކުރި ނަމަވެސް ކުރިމަތިލާނަ އެ ފުރުސަތު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޫން ބޭފުޅަކަށް ލިބޭނެމަމަށް ނުބެލެވެއެވެ.

ޖޭޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. މީގެ އިތުރުން މިހާރު ވެރިކަން ކުރަމުން ދާ މައި ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ކެންޑިޑޭޓަކު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު އެނގިގެން ދާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.