ރަޝިއާއިން ޔޫކްރައިން އަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ރޭ ޑިނީޕްރޯ އަށް ފޮނުވާލި މިސައިލްތައް އަމާޒުވެ އާންމުންގެ ވިހި މީހަކު މަރުވެ 70 މީހަކު ޒަހަމްވެއްޖެއެވެ.

ޑިނީޕްރޯއަށް ޔޫކްރައިން އިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު ވެލެންޓީން ޒެނިޗެންކޯ ވިދާޅުވީ، ރަޝިއާގެ މިސައިލް އަމާޒުވީ ޑިނީޕްރޯގައި އާންމުން އުޅޭ އިމާރާތަކަށް ކަމަށެވެ. އިޔްޔެއާއި ރެއާ އެކު ރަޝިއާއިން ޖުމްލަ 57 މިސައިލާއި ރޮކެޓް ހަމަލާގެ 69 ހަމަލާ ފޮނުވާލި ކަމަށް ޔޫކްރައިންގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ރޫކްރައިންގެ އިރުމަތީ ބިތުގައި އޮންނަ ޑިނީޕްރޯ އަށް ދިން ހަމަލާ އަކީ، މި ފާއިތުވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިއާއިން ދިން ވަރުގަދަ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ. އެ ޝަހަރުގެ ގަވަރުނަރު ވިދާޅުވާ ގޮތުން، އެ ހާދިސާގައި ވީނުވީއެއް ނޭނގިވާ 40 މީހަކުވެސް އަދި ވެއްޖެއެވެ.

ހުސްވި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިއާ އާއި ޔޫކްރައިންގެ ސިފައިން ވަރުގަދައަށް ހަމަލާ ބަދަލު ކޮށްފައި ވެއެވެ. އެ ހަމަލާތަކުގައި ދެފަރާތަށް ލިބުނު ގެއްލުންތައް ބޮޑުކަމަށް އޮފިޝަލުން ވިދާޅުވާ އިރު، އެންމެ ހަނގުރާމަ ބާރުވީ، ލޮނުގެ މުއްސަނދިކަން ލިބިފައިވާ ޔޫކްރައިންގެ އަވަށެއް ކަމަށް ވާ ސޮލްޑާގައެވެ.

ރަޝިއާގެ ޑިފެންސް އޮފިޝަލުން ވިދާޅުވާ ގޮތުން، އެ އަވަށް މިހާރު ވަނީ ރަޝިއާ ސިފައިންނާއި ރަޝިއާއަށް ވާގިވެރިވާ ކުލީ ސިފައިންވެގެން ހިފާފައެވެ. ނަމަވެސް ޔޫކްރައިން އިން ބުނަނީ، އެ ތަން އަދި އަތުނުލެވޭ ކަމަށާއި ޔޫކްރައިންގެ ހަމަލާތަކުގައި ރަޝިއާ އާއި ކުލީ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލެވިފައި ވާ ކަމަށެވެ. އަދި ރަޝިއާ ސިފައިން ހުރަސް ކުރަން ޖެހޭނީ އެމީހުންގެ އަހުންގެ މަރުވެފައި ވާ ހަށިތަކުގެ މަތިން ކަމަށްވެސް ޔޫކްރައިނުން ބުނެއެވެ.

ޑިޕީޕްރޯ އަށް ދެމުން ދާ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ޒަހަމްވެފައި ވާ އިރު ރެސްކިއު ހަރަކާތްތަކުގައި އުޅޭ އޮފިޝަލުންނަށް ވަނީ ގަދަ ފިންޏާއި އެކަށީގެންވާ ވަރަށް ކަރަންޓު ނެތި އަލިކަން ނުލިބުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ގޮންޖެހުންތަކާ ކުރިމަތި ވެފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މިއަދު ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި 3 އަހަރުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

ރޫކްރައިން ހަނގުރާމަ އިތުރަށް ހޫނުވަމުން ދާ މިދަނޑިވަޅުގައި ޖަރުމަނާއި އިނގިރޭސީން ވަނީ އެ ގައުމުތަކުގައި ބޭނުން ކުރާ އެންމެ ޒަމާނީ ޓޭންކަރުތައް ޔޫކްރައިންއަށް ފޮނުވަން ނިންމާ މަސައްކަތް ފަށާފައެވެ. ޓޭންކަރުތަކުގެ އިތުރުން ހަމަލާ ދެވެގޮތަށް ފަރުވާ ކޮށްފައި ހުރި ބޮޑެތި ބަރު ވެހިކަލްތައްވެސް ފޮނުވަން ޖަރުމަނުން ވަނީ ނިންމާފައެވެ.

ހަނގުރާމަ ދިގުލައި ގޮސް އަހަރު ފުރެން ދާ އިރު ދެގައުމުން، ހަނގުރާމައިގެ އަސީރުން ދަނީ ބަދަލު ކުރަމުންނެވެ. ނަމަވެސް ސޮލްޑާގެ ހަމަލާތަކާއި އަދި ޑިޕީޕްރޯގެ ހަމަލާތަކުގެ ސަބަބުން، އަސީރުން ބަދަލު ކުރުމުގެ ކުރިއަށް އޮތް ބުރު ރަޝިއާއިން ވަނީ ކެންސަލް ކޮށްފައެވެ.