ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނު ކުޅުމަކީ އެޓީމުގެ އެންމެ ދަށް ކުޅުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ލީގުގެ 9 ވަނައިގައި އޮތް ލިވަޕޫލުން އެންމެ ފަހުން ކުޅުނު ދެ ލީގު މެޗުގައި ބައިކޮޅަށް 6 ލަނޑު ވަދެ ބަލިވެފައިވާ އިރު މި ދެ މެޗުގައި އެޓީމަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކްލޮޕް ބުނީ ރޭގެ މެޗަށް ވުރެ ބަލިކަށި ކުޅުމެއް ޓީމުގެ ފަރާތުން މީގެ ކުރިން ފެނުނު މެޗެއް ހަނދާން ނުވާ ކަމަށާ ރޭގެ މެޗަކީ ލިވަޕޫލްގެ އެންމެ ދަށް މެޗު ކަމަށެވެ.
ކްލޮޕް ބުނީ ރޭގެ މެޗުގައި ބްރައިޓަން މޮޅަށް ކުޅުނު ކަމަށާ ރޭގެ މެޗު މޮޅުން އެޓީމަށް ހައްގު ކަމަށެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ކުޅުމާ މެޗު ނިހާޔަތަށް ކަންބޮޑުވާ ކަމަށާ މިފަދަ މެޗަކަށް ފަހު ކަންބޮޑުނުވެ ވާނެ ގޮތެއް ނެތް ކަމަށެވެ.
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑާސަން ބުނީ ޓީމުގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސްފައިވާ ކަމަށާ މިގޮތަށް ޓީމު އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ހެންޑާސަން ބުނީ ޓީމުގެ ކޮންފިޑެންސް ލެވެލް ދަށް ކަމަށާ އިތުރަށް މަސައްކަތް ކުރަން ބޭނުންވާ ހިތްވަރު ވެސް މަދު ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ކުޅުން ރަނގަޅުކޮށް ނަތީޖާތައް ބަދަލުކޮށްލާނެ ކަމަށް އުއްމީދުކުރާ ކަމަށް ހެންޑާސަން ބުންޏެވެ.
މިދިޔަ ހަތަރު ސީޒަންގައި ލީގުގެ ގަދަ 4 ކަށަވަރުކޮށްފައިވާ ލިވަޕޫލްއަށް މި ސީޒަންގައި ގަދަ 6 އަކަށް އެރޭނެ ކަމުގެ އުއްމީދު ވެސް މިހާރު ވަނީ ހަނިވެފައެވެ.
ލީގުގައި 18 މެޗު ކުޅުނު އިރު މިސީޒަންގައި ލިވަޕޫލަށް ޖެހުނު ލަނޑަށް ވުރެ ބައިކޮޅަށް ވަތް ލަނޑު ގިނައެވެ. އަދި ލިބުނު ޕޮއިންޓް ވެސް މަދު އިރު ގޯލް ޑިފަރެންސްވެސް ފެންނީ މަދުކޮށެވެ.
ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބި އިރު ފިޓްކޮށް ތިބި ކުޅުންތެރިން ވެސް ވަނީ ފޯމް ގެއްލިފައެވެ. މީގެ ތެރޭގައި ކީޕަރު އެލިސަންގެ އިތުރުން ފޯވަޑް މުހައްމަދު ސަލާހް އަދި މިޑްފީލްޑަރު ފަބީނިއޯގެ އިތުރުން ކެޕްޓަން ހެންޑާސަން ވެސް ހިމެނެއެވެ.