ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގައި ޝާމިލްވާ މީހުންގެ 'ނާޖައިޒު ފައިދާ' ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނަންގަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން "ދިވެހި ޗެނަލް" އިން ގެނެސްދޭ "ފިކުރެއްގެ ދިރުން" ޕްރޮގުރާމުގައި ވާހަކަ ދައްކަމުން ހަސަން ލަތީފު ވަނީ ރައީސް ސޯލިހް އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެ ގޮތުން ހަސަން ލަތީފު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަހައްޓަވައިގެން ރައީސް ސޯލިހް އުޅުއްވަނީ އެކަންކަމުގައި ޝާމިލުވި ބޭފުޅުންގެ ނާޖާއިޒު މަންފާ ހޯއްދެވުމަށް ކަމަށެވެ. މި ވެރިކަމުގައި ފެންނަމުން ދަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވަރަށް ބޮޑަށް ފެނިެގން ދިޔަ ސިފަތަކެއް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި، މައުމޫނުގެ ވެރިކަމުގެ ސިފަތައް ފެންނަ ސަބަބަކީ އެމަނިކުފާނުގެ އަރިހުގައި މިއަދު އެބަދަ ބޭފުޅުން ތިއްބެވުންކަން ފާހަގަ ކުރައްވައި ހަސަން ލަތީފު ވަނީ މައުމޫނުގެ ސަރުކާރުގައި ހިންގާފައިވާ ކަންތައްތަކަށް އަލިއަޅުއްވާފައެވެ.
މި ގޮތުން ހަސަން ލަތީފު ވިދާޅުވީ ރައީސް މައުމޫނުގެ މޭޒުކޮޅުގެ ވައްގަނޑެއްގައި ސިޔާސީ ބައެއް ބޭފުޅުންނާ ގުޅުންހުރި މައްސަލަތަކުގެ ފައިލުތަކެއް ގެންގުޅުއްވާ ކަމަށެވެ. އަދި އެ މައްސަލަތައް އެހެން ހުރިހައި ހިނދަކު އެއިން ބޭފުޅަކަށް މައުމޫނާ ދެކޮޅަށް ބަހެއް ވިދާޅުވާން ނުކެރޭކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ރައީސް ސޯލިހްވެސް އަމަލުކުރައްވަމުން ގެންދަވަނީ މިފަދަ ގޮތަކަށް ކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަާއި ވައްކަމުގެ މައްސަލަތައް ސާފުކޮށް ފެންނަން ހުރިއިރުވެސް އެކަންކަން ނުބަލައި އެކަމުގައި ބައިވެރިވި މީހުންގެ ނާޖައިޒު ފައިދާ ނަންގަވަމުން ގެންދަވާ ކަމަށެވެ.
ހަސަން ލަތީފު މިހެން ވިދާޅުވެފައި ވާއިރު ރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހޯދި ހެކިތައް 2018 ވަނަ އަހަރުން ފެށިގެން މި ސަރުކާރުގައި ކަމަށް ވިދާޅުވެފައެވެ.