ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވަނީ ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބީއެމްއެލްއަށް، 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ބީއެމްއެލްގެ އުމުރުން ފާއިތުވެގެން މިދިޔަ 40 އަހަރުގެ ތެރޭގައި، އެބޭންކުން ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އިގުތިސާދު ކުރިއަރައި ދިޔުމުގަޔާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގަޔާއި އުމުރާނީ ތަރައްޤީ ގެނައުމުގައި ބީއެމްއެލް އަދާކޮށްފައިވާ ދައުރު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުސަތުތަކުގައި ވެސް ބޭންކުން އަދާކުރާ ދައުރާއި އަދި އިޖުތިމާއީ ޒިންމާގެ ދަށުން، ބޭންކުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ހިލޭ އެހީގެ ސްކީމްތަކާއި ލޯނު ސްކީމްތައް ހިންގައި ބަލަހައްޓައިދެނީ ބީއެމްއެލް އިންކަން ފާހަގަކުރައްވާފައެވެ.

ބީއެމްއެލްގެ އުފެދިގެން އައި ގޮތާއި އެދުވަސްވަރު ރާއްޖޭގެ ބޭންކިން ނިޒާމް ހިނގަމުން އައިގޮތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ބީއެމްއެލް އުފެއްދީ ބަނގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައިކަން ފާހަގަކުރައްވާފައެވެ. އަދި ބަނގްލަދޭޝްގެ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށާއި ބަނގުލަދޭޝްގެ ސަރުކާރަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މިރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ހަފްލާގައި ބީއެމްއެލް ދެ ފައުންޑަރުންނަށާއި، އެބޭންކަށް ދިގުމުއްދަތަކަށް ހިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވާއިރު އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ސޯލިހުއެވެ.

ބީއެމްއެލް ހުޅުވުނީ، 1982ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.