މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ފަންޑަށް ލިބުނު ފައިސާއިން މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފަށައިފިއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރަން އެކަށީގެންވާ އަދަދަށް އިސްލާމިކް މިނިސްޓްރީން ފައިސާ ނުދޭ ކަމަށް ބުނެ "ޗާލު މިސްކިތް" ފަންޑް ނަމުގައި މި މަހުގެ 6 އަދި 7 ގައި ބޭއްވި އިވެންޓުން 744،713.90 ރުފިޔާ ސިޓީ ކައުންސިލަށް ލިބިފައި ވެއެވެ.

މާލޭގެ މިސްކިތްތަކުގެ ތެރެއިން ސިޓީ ކައުންސިލުން އިއްޔެ ވަނީ އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އެ މިސްކިތުގެ ފެންޑާގެ ފުރާޅު ބަދަލު ކުރުމާއި ފާހާނަ ބަރި ކުރިމަތީގެ ތަޅުން އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި މިސްކިތުގައި ހުރި ރެނދުތައް ބެއްދުމާއި އަލުން ކުލަ ލުމަށް ކުލަ ކެހުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މަރާމާތައް ކަނޑައަޅާފައި ވަނީ 1 މިލިއަން ރުފިޔާ ކަމާށާއި އެ ފައިސާގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލޭގެ އެކި މިސްކިތްތަކުގެ މަރާމާތަށް މިހާރުވެސް ހޭދަ ކޮށްފައި ވާނޭ ކަމަށެވެ.

އަދި އިތުރު މިސްކިތްތަކުގެ މަރާމާތަށް އިތުރު 9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭކަމަށް މޭޔަރު ވިދާޅުވެއެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތަކުގެ މަރާމާތަށް ބެޑެތި އަދަދުތަކުން ފައިސާ ކިޔާ އިރު ސަރުކާރުން ދޭ ފައިސާއަށް ހަދާގޮތް ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ފާއިތުވި 3 އަހަރު ކޮންމެ އަހަރަކަށް މިލިއަނެއްގެ ރޭޓުން 3 މިލިއަން ރުފިޔާ ހަމަޖައްސައި ދިން އިރު ސިޓީ ކައުންސިލުން އެ ފައިސާ ނުނަގާ އެހެނިހެން ގޮތް ގޮތުން ފައިސާ ހޯދާތީ މިނިސްޓްރީން ވަނީ ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފައެވެ.