ބައިބޯ ޗައިނާގެ ގުއަންގްޒޯގެ ކާރޫބާރޫ ބޮޑު މަގެއްގެ 4 އަނގޮޅީގައި، ބަޔަކު ޓްރެފިކް ލައިޓަށް މަޑުކޮށްގެން ތިއްބާ ކާރުގައި އައި މީހަކު އެމީހުންގެ ގައިގާ ޖެއްސުމުގެ ސަބަބުން 5 މީހަކު މަރުވެއްޖެއެވެ.

މިހާދިސާގައި އިތުރު 13 މީހަކު ޒަހަމްވެފައި ވާ އިރު ފުލުހުން ވަނީ ކާރު ދުއްވި މީހާ ހައްޔަރު ކޮށްފައެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވާ ގޮތުން، އެމީހާ ކާރުގައި އައީ މާ ބާރަށް ނޫން ކަމަށާއި ނަމަވެސް ޓްރެފިކް ލައިޓަށް ގިނަ ބަޔަކު މަޑުކޮށްގެން ތިއްބާ އެމީހުންގެ ގަޔާ ދިމާއަށް ކާރު އައި ވަގުތު އެންމެނަށް ސަލާމަތް ނުވެވުނީ ކަމަށެވެ. އަދި ކާރުގައި އިން މީހާ، އެމީހުންގެ ގައިގާ ޖެއްސުމަށް ފަހު އަނބުރާލައިފައި ދެވަނަ ފަހަރަށްވެސް އައިސް ޖެއްސި ކަމަށް ބުނެއެވެ. އޭގެ ފަހުން އޭނާ ކާރުން ފައިބާ، ވައިގެ ތެރެއަށް ފައިސާގެ ނޫޓުތަކެއް އުކަން ފެށިކަމަށް ވެސް ބުނެފައި ވެއެވެ.

މި ހާދިސާގައި 5 މީހުން މަރުވި އިރު ޒަހަމްވި ބައެއް މީހުން ބިންމަތީގައި އޮވެ ހަނާ އަޅަމުން ދިޔަ ކަމަށާއި، އޭގެ ތެރޭގައި ދެމައިންވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.

މަގުމަތީގައި ތިބި މީހުންގެ ތެރެއަށް ކާރުގައި ގޮސް ވަންނަން ޖެހުނު ސަބަބެއް އަދި ސާފު ނުވާ އިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އިތުރު ހަބަރެއް ބުނާ ގޮތުން، އޭނާ އާންމުންގެ ތެރެއަށް ކާރުގައި ވަނުމުގެ ކުރިން ސައިކަލުގައި ދިޔަ ޓްރެފިކް ފުލުހެއްގެ ގައިގާވެސް ކާރުން ޖައްސަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހާދިސާއިން ފުލުސް މީހާ ވަނީ ސަލާމަތް ވެފައެވެ.

ޗައިނާގައި ތަންފީޒު ކުރަމުން ދިޔަ ކޮވިޑް ޒީރޯގެ ސިޔާސަތު އުވާލައި އާންމުކޮށް ގައުމު ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއާއެކު އެތައް މިލިއަން ބަޔަކު ކޮޅުކޮޅު މައްޗަަށް ދިޔުމަށް ވަނީ ދަތުރު ފަށާފައެވެ. އެއްބަޔަކު އާއިލާގެ މީހުންނާ ބައްދަލު ކުރަން ދަތުރު ކުރާ އިރު އަނެއް ބަޔަކު ދަތުރު ކުރަނީ ޗުއްޓީއަށެވެ.

ހަބަރުތައް ބުނާ ގޮތުން، ޗައިނާގައި މި ފެށުނު ލޫނާ ނިއުއިޔާގެ މޫސުމުގައި 2 ބިލިއަނެއްހާ މީހުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާނެއެވެ.