ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަކީ އިސްލާހީ މަސައްކަތަށް އެންމެ ބޮޑަށް ހުރަސްއެޅުއްވި ރައީސް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް އާއި ޕީއެންސީ އިން ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރަމުން ދާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވާ ދަޑިވަޅެއްގައެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް އަކީ ރާއްޖޭގެ އެއްވެސް ވެރިޔަކަށް ނުލިބުނު ފުރުސުތު ލިބިވަޑައިގަތް ނަމަވެސް އިސްލާޙީ މަސައްކަތަށް އެންމެ ބޮޑަށް ފާޅުގައި ހުރަސްއެޅުއްވި ރައީސް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހް ނެރުއްވި ގަރާރަށް އިޝާރާތް ކުރައްވާ ޖަމީލު ވިދާޅުވީ 2008 ގެ ގާނޫނު އަސާސީ އާ ހީލާފަށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާ ގަރާރު ނެރުއްވައި މިހާތަނަށް އެންމެ ގިނަ ރައްޔިތުން ހައްޔަރު ކުރި ރައީސަކީ ވެސް މިހާރުގެ ރައީސް ސޯލިހް ކަމަށެވެ.

'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހް ގަރާރެއް ނެރުއްވީ އެޕްރީލް 21، 2022 ގައެވެ. އެ ގަރާރުގައި ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ ގައުމީ ސަލަމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށެވެ.