އަބަދުވެސް ފެނަކައާ ދޭތެރޭ ޝަކުވާ ބޮޑު، ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ރަށްރަށުގައި ފެނަކައިން ހަދާ އޮފީސް ތަކަކީ ބޮޑު އިސްރާފަކާއެކު އަޅާ ތާޖުމަހަލްތަކެއް ކަމަށާއި އެތަންތަން ރަނގަޅީ އަލަތު ކައިވެނީގެ ފޮޓޯ ނަގަން ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕެއިންގައި ބ ގޮއިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަލާމާތުގެ ރާގެއްގައި ނަޝީދު ވިދާޅުވީ، ބޮޑު ބިއްލޫރި ޖަހާ، ބޮޑު ގުއްބުލައި ތާޖުމަހަލްތަކެއް ފަދައިން ފެނަކައިން ހަދާ އޮފީސް ތަކުން ކުޑަ ތަންކޮޅެއް ވެސް އާމްދަނީ އިތުރު ނުވާނެ ކަމަށާއި ހައްތަހާ ވެސް ހަރަދު ދާނީ ބޮޑު ވެގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ތާޖުމަހަލް ފަދަ ފެނަކަ އޮފީސްތަކެއް އެޅުމުގެ ބޭނުމަކީ މީހުން އަޅުދާސްތު ކުރުމާއި ސަރުުކާރު ހިއްސާވާ ކުންފުންޏަށް މީހުން ވެއްދުން ކަމަށެވެ. އަދި އެ މީހުންގެ މުހުތާދުތައް ސަރުކާރު މެދުވެރިވެގެން ނޫނީ ނުފުއްދޭން ގޮތް ހެދުން ކަމަށް ވެސް ވިދާޅުވެއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ، ފެނަކަ އައީ ހުރިހާ އިންޖީންގެތައް އެއްކޮށް ހަދާފައި ހުއްޓާ ކަމާއި ސަރުކާރުގެ އެ އެސެޓް އެ ކުންފުންޏަށް ވަނީ މާފަހުން ކަމަށެވެ. އަދި ފެނަކައަކީ ރައްޔިތުންގެ ހަރު މުދަލެއް ކަމަށާއި އެ ހަރު މުދާ ބޭނުން ކުރަން ޖެހޭނީ ޖާއިޒް ގޮތުގައި ކަމަށް ވިދާޅުވެ ނަޝީދު ވަނީ ފެނަކައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ފެނަކައިން އިމާރާތް ކުރަމުންދާ ތާޖުމަހަލްތަކެއް ފަދަ އޮފީސް އިމާރާތްތައް ހުއްޓާލައި އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭނެ ގޮތްގޮތް ހެދުން މާ ބޭނުންތެރިކަން ރައީސް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ނަޝީދަކީ، މީގެ ކުރިންވެސް ފެނަކައާ ގުޅޭ ގޮތުން ގިނަ ތުހުމަތުތައް ކުރައްވައި ހާއްސަކޮށް ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަށް އެކި ޒާތުގެ ތުހުމަތު ކުރައްވާ ބޭފުޅެކެވެ. އެގޮތުން ނަހަމަ ގޮތުގައި ވަޒީފާތައް އުފައްދާ އެކިފަރާތްތަކަށް ވަޒީފާ ދެއްވާ ކަމަށާއި ފެނަކައިގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ހިމެނެއެވެ. މީގެ އިތުރުން ނަޝީދު ފެކްޝަންގެ އެކި ބޭފުޅުންވެސް ސައީދަށް ތުހުމަތު ތައް ކުރައްވާ، މަޖިލީހުގެ މެންބަރުންނަށް ބިރުދައްކަންވެސް މަސައްކަތް ކުރައްވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ރައީސް ނަޝީދުގެ ޕްރައިމަރީ ކެމްޕެއިންގައި އިއްޔެ ވަނީ ބ އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންފައެވެ. ކުރިއަށް އޮތް ކެމްޕެއިން ހަރަކާތްތަކަށް ބަލާއިރު މި މަހުގެ 13 އިން 15 ގައި މ، ވ، ތ އަދި ފ އަށް ވަޑައިގަންނަވާނެއެވެ. އަދި 17 ވަނަ ދުވަހު ޅ އަތޮޅާއި މާލެ އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާއިރު 19 އިން 21 އަށް ވަޑައިގަންނަވާނީ ގއ އަދި ގދ އަށެވެ.

މީގެ އިތުރުން މި މަހުގެ 23 އަދި 24 ގައި އައްޑޫ ސިޓީއަށް ވަޑައިގަންނާވެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ.