މި ހަފްތާ ބަންދުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ އިރު އެޓީމު ބަލިކުރާނެ ވަރަށް އާދިޔާ ހިލާފު ގޮތެއް ހޯދާފައިވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އިންގްލިޝް ޕްރިމިއާ ލީގު ތާވަލުގެ ދެވަނައިގައި އޮތް ސިޓީއާ ހަތަރު ވަނައިގައި އޮތް ޔުނައިޓެޑް އަންނަ ހޮނިހިރު ދުވަހު ކުޅޭ އިރު ދެ ޓީމުގެ ދެމެދު އޮތީ އެންމެ 4 ޕޮއިންޓްގެ ފަރަގެވެ.
2016 ވަނަ އަހަރު ސިޓީގެ ކޯޗު ކަމާ ހަވާލުވި ފަހުން ގާޑިއޯލާގެ ސިޓީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 17 މެޗުގެ ތެރެއިން 9 މެޗު ކާމިޔާ ބުކޮށްފައިވާ އިރު ސިޓީ ޔުނައިޓެޑް އަތުން ބަލިވީ އެންމެ 6 ފަހަރެވެ. އަދި މި ސީޒަންގެ ކުރީކޮޅު މި ދެ ޓީމު ބައްދަލުކުރި މެޗު ސިޓީ ކާމިޔާބު ކުރީ 6-3 އިންނެވެ.
އެހެން ނަމަވެސް ވޯލްޑްކަޕްގެ ފަހުން ޔުނައިޓެޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެޓީމުުން އެންމެ ފަހުން ކުޅުނު 4 މެޗު ވެސް ކާމިޔާބުކޮށްފައިވާ އިރު ރޭ ޔުނައިޓެޑް ވަނީ ޗާލްޓަން ބަލިކޮށް ލީގު ކަޕްގެ ސެމީއަށް ވެސް ދަތުރުކޮށްފައެވެ.
ޔުނައިޓެޑްގެ ފޯމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ޔުނައިޓެޑް ބަލިކުރަން އޭނާ ގިނަ ގޮތްތަކެއް ވިސްނާފައިވާނެ ކަމަށާ މީގެ ތެރޭގައި އާދިޔާ ހިލާފު ހިޔާލުތައް ވެސް ވާނެ ކަމަށެވެ.
ގާޑިއޯލާ އިތުރަށް ބުނީ މިދިޔަ ހަފްތާގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސިޓީގެ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނިފައިވާ ކަމަށާ ތަމްރީނުތަކުގައި މިކަން ފާހަގަވިކަމަށެވެ.
އެހެން ނަމަވެސް ޔުނައިޓެޑާ ދެކޮޅަށް ނެރޭނެ 11 ކުޅުންތެރިން އަދި ނުނިންމާ ކަމަށާ ޔުނައިޓެޑްގެ އެންމެ ފަހުގެ މެޗުތައް ބަލަން ބޭނުންވާ ކަމަށް ވެސް އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ކޯޗު ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑާ ސިޓީ ވާދަކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ހަވީރު 5:30 ގައެވެ.