ށ.ފޭދޫގައި ޕްރީސްކޫލެއް ހެދުމަށް ކަމަށްބުނެ ބޭނުން ނުކޮށް ހުރި އިމާރާތެއްގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި މީހަކު ޖަލަށްލާން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފޭދޫގެ ޒުވާނެއް ކަމަށްވާ މުހައްމަދު ސަމާހެވެ.
މި މައްސަލާގައި ސަމާހުގެ މައްޗަށް ވަނީ 4 މަހާ 24 ދުވަހަށް ޖަލަށްލުމަށް މިއަދު އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައެވެ.
މީގެ ކުރިން ރައީސް ނަޝީދުގެ ގެކޮޅު ގ.ކެނެރީގޭގައި އިންޑިއާ އައުޓް ސްޕްރޭކުރި މީހަކުވެސް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. އެމީހާއަށް އިއްވާފައި ވަނީ 1 މަހާއި 24 ދުވަހަށް ޖަލު ހުކުމެކެވެ.
މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުގައި ވެސް ބަޔަކު "އިންޑިއާ އައުޓް" ޖަހައި ސްޕްރޭ ކޮށްފައި ވާއިރު، އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އަޅާފައި ވެސް ވެއެވެ. ހަމަ އެއާއެކު ރައީސް އޮފީހާއި، އިންޑިއާ ހައި ކޮމިޝަން އޮފީހުގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ކައިރިއަށް ވެސް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތަކެއް ވެސް ބަޔަކު އަޅާފައި ވެއެވެ. މީގެ އިތުރުން ބޮޑެތި ފޮތި ބެނާތައް ހަދާ އެކި އިމާރާތްތަކަށް ނެގުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ނެގި ބޮޑު ބެނާވެސް ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ އޭޕްރިލް 21 ގައި ވަނީ ގަރާރެއް ވެސް ނެރުއްވާފައެވެ.