ގިނަ އަދަދެއްގެ އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގަމުން ދާތީ އެއީ ގަސްތުގައި ރޯކޮށްގެން ހިނގާ ހާދިސާތަކެއްތޯ ބަލަން ބޭރުގެ ފޮރެންސިކް ޓީމެއް ގެނެސް ތަހުގީގު ފަށައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް ރާއްޖެ އައީ ފޮރެންސިކް އެކްސްޕާޓުންތަކެެއް ކަމަށާއި އެކަމުގައި އެއްވެސް ބަޔަކު އަޑީގައި ތިބިތޯ އާއި އަލިފާން ރޯކުރަނީ ގަސްދުގައިތޯ ބަލަން އެމީހުން ބައިވެރިވާނެ ކަމަށެވެ.

ފަހުގެ ތާރީހުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުންދާއިރު މިދިޔަ އަހަރު ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އަދި ފިޔޯރީ ސްކޫލުގައި އިއްޔެ ހަވީރު އަލިފާނުގެ ހާދިސާ ހިނގާފައި ވާއިރު މިއަދު ހެނދުނު 5:43 ހާއިރު މާލޭގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން ނީލަން ފިހާރަ އަނދާ ހުލިވިއިރު އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކުގައި ވެސް ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.

މީގެ ކުރިންވެސް ނީލަން ފިހާރައިގައި އެތައް ފަހަރަކު ވަނީ ރޯވެފައެވެ. އެގޮތުން 2015 އިން ފެށިގެން 2021 ގެ ނިޔަލަށް އެތަނުގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގައި ފަހަކަށް އައިސް ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ހާއްސަ ތަހްގީގެއް ފަށަފައިވާ ކަމަށެވެ.