އަލިފާނުގެ ގިނަ ހާދިސާތަކުން ފަހަކަށް އައިސް މުޅި ގައުމު ސިހޭއިރު އެއިން ކޮންމެ ހާދިސާއަކުން ގެއްލިދަނީ އެތައް ބައެއްގެ ދިރިއުޅުމެވެ. މުދަލާއި ގޯތި ދޫކޮށް ފުރާނަ އަތް މައްޗަށް ލައިގެން އެ ހާދިސާއިން ސަލާމަތްވެ، ސުމަކުން ދިރިއުޅުން ފަށަން ޖެހެއެވެ.

އިއްޔެ ހަވީރު ގދ. ފިޔޯރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށު ސްކޫލުގެ އެއް އިމާރާތް ވަނީ ހިނދުކޮޅެއްގެ ތެރޭގައި އަނދާ ހުލިވެފައެވެ. 1980 ގެ އަހަރުތަކުގައި އެ ރަށުގައި ބޭނުން ކުރަން ފެށި އެ އިމާރާތް މަރާމާތުތަކާއެކު ބޭނުން ކުރާ އިމާރާތެކެވެ. އެތަށް ދަރިވަރަކު ކިޔެވުމަށް ބޭނުން ކުރާ ތަކެއްޗާއި، އެކި އެކި ޖަލްސާތަކާއި ހަފްލާތަކަށް ބޭނުން ކުރަމުން އައި ހޯލް އަނދާ އަޅިއަށްވެގެން ދިޔައީއެވެ.

200 އެއްހާ ކުދިން ކިޔަވަންމުން އަންނަ ފިޔޯރީ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމުގެ ފޮނި އުންމީދުގައި ތިބި އެ ރަށުގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ ދާދިފަހުން އެ ސްކޫލުގައި ހެދި އިތުރު އިމާރާތެއް ބޭނުންކުރަން ފެށުމާއެކުގައެވެ. އެ އިމާރާތް އެޅުމުގެ ކުރިން، އެއް ކްލާސް ރޫމެއް ދެ ބަޔަކަށް ބަހާލައިގެން ވެސް ވަނީ ކިޔަވައިދީފައެވެ. އެހެންނަމަވެސް މިއަދު އަނެއްކާވެސް ވަނީ ދެ ދަންފަޅިއަށް ކިޔަވަދިނުން ބަދަލުކޮށްފައެވެ.

ފިޔޯރީ ސްކޫލުގެ އިމާރާތެއް ރޯވެ އަނދަނީ

އިއްޔެގެ ހާދިސާގައި އަލިފާން ރޯވެ އަނދާ ހުލިވި ހޯލުގައި 5 ކްލާސްރޫމް ހުރި އިރު ކިޔަވައިދެމުން ގެންދިޔައީ 4 ކްލާސްރޫމުގައެވެ. އޭގެ ތެރޭގައި ސެން ކްލާހެއް ހިމެނޭއިރު ދެން ހުރި ކްލާސްރޫމް ބޭނުން ކުރަމުން ދިޔައީ ގުދަނެއްގެ ގޮތުގައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެންބަރު މުހައްމަދު ޝަހުމަތު ވިދާޅުވީ އިއްޔެ އަލިފާން ރޯވީ އެ ސްކޫލުގެ ޖަލްސާތަކާއި ހަފްލާތަކުން ފެށިގެން އެހެނިހެން ޕާޓީތަކަށްވެސް ބޭނުން ކުރަމުން އަންނަ ހޯލު ކަމަށާއި އިތުރު ހޯލެއް ދެން ނެތް ކަމަށެވެ. އަދި އެއީ ޕާޓިޝަން ޖަހައިގެން ކްލާސްރޫމް ހަދާފައި ހުރި ހޯލެއް ކަމަށާއި އެހެން އިމާރާތްތަކުގައި ކްލާސްރޫމްތައް ހުންނާނީ ރާނާފައި ކަމަށް ޝަހުމަތު ވިދާޅުވިއެވެ.

މީގެ ކުރިންވެސް އޮފީސް އިމާރާތުގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގެ މައްސަލަ ދިމާވެގެން އެ މައްސަލަ ހައްލުކުރަން ރަށު ފެންވަރުގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ހައްލުނުކުރެވިގެން އެޑިއެކޭޝަން މިނިސްޓްރީ އާ ހިއްސާކުރި ކަމަށް ޝަހުމަތު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާތަނަށްވެސް އެދެވޭ ނަތީޖާއެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށު ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ އާ ހަވާލާދެއްވާ ޝަހުމަތު ވިދާޅުވީ އޮފީސް އިމާރާތުގެ ޑިސްޓްރިބިއުޝަން ބޯޑުގެ ހާލަތު ވަރަށް ދަށްވެފައިވާ ހުރި ކަމަށެވެ.

ފިޔޯރީ ސްލޫގައި ހޯލު އަނދާ ހުލިވެފައި/ ފޭސްބުކް ފޮޓޯ: ހިލްޓަން އަޒްލިފް
"މާލެ ދިޔަ ފަހަރަކު އެޑިއުކޭޝަންއާ ހިއްސާކުރިން ސްކޫލުގެ އޮފީސް އިމާރާތުގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގެ މައްސަލަ، ވަރަށް ސީރިއަސް ކަމާއެކު އެ މައްސަލަ ވަގުތުން ވަގުތަށް ހައްލުކޮށްދޭ ގޮތަށް ވާހަކަދެކެވުނު. އަދިވެސް އެ މައްސަލަ ހައްލެއް ނުވޭ. މިހާރު އޭގެ ފަހުން ގިނަ ދުވަސްތަކެއް ވެސް ވެއްޖެ"
ޝަހުމަތު

އިއްޔެ ކަން ހިނގި ގޮތް

އިއްޔެ އަލިފާން ރޯވި އިމާރާތުގެ ކަރަންޓްގެ މައްސަލައެއް އުޅޭކަން މީގެ ކުރިން ފާހަގަވެފައި ނުވާ ކަމަށާއި އިއްޔެ އެ އިމާރާތުގެ ކްލާހެއްގައި ކިޔަވައިދެމުން ދަނިކޮށް ކަރަންޓް ޝޯޓެއް އުޅޭ ކަން ދަރިވަރުން ފާހަގަކުރި ކުރި ނަމަވެސް އެ މައްސަލަ ސްކޫލުގެ މެނޭޖްމެންޓާ ހަމައަށް ނުދާ ކަމަށް ޝަހުމަތު ވިދާޅުވިއެވެ.

ޝަހުމަތު ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތުގައި އެ އިމާރާތުގައި އަންހެން 2 މުވައްޒަފަކު ތިއްބާ ޑިސްޓްރިބިއުޝަން ފޮށިން ދުންއަރަން ފެށި ކަމަށެވެ. އެވަގުތު މަގުމަތިން ދިޔަ ދެ ޒުވާނަކުވެސް އެ އެތަނަށް ދިޔައެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަލިފާނުގެ އަސަރު ސީލިންގް އަށް ކޮށްފައިވާކަން ފާހަގަކޮށް ޝަހުމަތު ވިދާޅުވީ އެ މީހުން އަވަސްވެގަތީ ކަރަންޓް ކަނޑާލަން ކަމަށާއި ކަނޑާލާފައި އައި އިރު ސީލިންގްގައި ވަރަށް ބޮޑަށް ރޯވެއްޖެ ކަމަށެވެ.

އަލިފާން ނިއްވަން ބޭނުން ކުރާ ފުޅި ހިފައިގެން އަލިފާން ނިއްވަން މަސައްކަތް ކުރި ނަމަވެސް އެ ފުޅި ބޭނުން ނުކުރެވިގެން ފެން ޖެހޭނެ ގޮތެއް ވޭތޯވެސް ބެލި ކަމަށާއި ނަމަވެސް ހޮޅިއެއްވެސް އަތު ނުޖެހުނު ކަަމަށް އެ މީހުންނާ ހަވާލާދީ ޝަހުމަތު ވިދާޅުވިއެވެ.

ގދ ފިޔޯރީ ސްކޫލްގެ އިމާރާތެއްގައި ރޯވެ އަނދަނީ ---

ސްކޫލުގެ އިސްވެރިޔާ އެތަނަށް ވަޑައިގަން ފަހުން ޝަހުމަތުވެސް އެ ސަރަހައްދަށް ވަޑައިގަން އިރު ވަރަށް ބޮޑަށް ރޯވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އަދި ޑިޒާސްޓާ އިން ހަދިޔާ ކުރި ދެ ޕަންޕު މޫދަށް ގުޅައިގެން ފެން ޖަހަން ވަގުތު ކޮޅެއް ނެގި ކަމަށާއި އޭރު މުޅި އިމާރާތުގެ މަތި ވަޑާމުގައި އެއްކޮށް އަލިފާން ހިފާފައި ހުރުމުން ޓިނުތައް ވެސް ވިރިގެން ކޮންމެވެސް ވަރަކަށް ތިރިއަށް ފައިބަމުން ދިޔަ ކަމަށް ޝަހުމަތު ވިދާޅުވިއެވެ.

ޝަހުމަތު ވިދާޅުވީ އެ އިމާރާތުގައި ކޮމްޕިއުޓަރެއް، ޕްރޮޖެކްޓަރެއް ހުރިކަން އެނގިވަޑައިގެންފައި ނުވިނަމަވެސް ގްރޭޑް 10 ގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރަކު ބޭނުންކުރާ ޕޭޕަރުތަކެއް އެތާ ހުރި ކަމަށާއި ސެން ކުދިންނަށް ކިޔަވައިދޭން ބޭނުން ކުރާ ގިނަ ތަކެތި އެތާ ހުރި ކަމަށް ވިދާޅުވިއެވެ. އަދި އެތާ ހުރި ގުދަނުގައި ގިނަ އަދަދެއްގެ ސާމާނު ހުރި ކަން ފާހަގަ ކުރައްވައި ޝަހުމަތު ވިދާޅުވީ އެތަނުގައި އާ ގޮނޑިއާއި ފަރުނީޗަރުވެސް ހުންނާނެ ކަމަށެވެ.

"އެތާ ގުދަން ހުރުމާއެކު އާ ގޮނޑިއާއި ފަރުނީޗަރު ފަދަ ތަކެތިވެސް ހުރި. ސެން ކްލާހުގައި ކިޔަވަދޭން ބޭނުން ކުރި ހުރިހާ އެއްޗަކާ އެއްކޮށް ކްލާސް އެކީގައި އަނދާހުލި. އެ ކަހަލަ ކްލާހެއްގައި ބޭނުން ކުރާނެތާ ދޯ ވަރަށް ބައިވަރު މެޓީރިއަލްސްތައް އެ ހުރިހާ އެއްޗެއް ދިޔައީ"
ޝަހުމަތު

އެ ފަދަ ބޮޑު ހާދިސާއެއްގައި ފިޔޯރީގެ ރައްޔިތުން ދެއްކި ރީތި ނަމޫނާ ފާހަގަކޮށް ޝަހުމަތު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ރަށުގެ ޒުވާނުން ކުރީ ހީވާގި މަސައްކަތެއް ކަމަށާއި އެމްއެންޑީއެފްއިން ދިޔައިރު އަލިފާން ނިއްވާލައިފައި ވާ ކަމަށް ޝަހުމަތު ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުގެ އެތެރެއިން ދުން އަރާތީ އެމްއެންޑީއެފްގެ އިރުޝާދާއެކު އެ ރަށުގައި އޮތް އެމްޑަބްލިޔުއެސްސީގެ ހައިމާކު ގެންގޮސް އެތަނުގެ ޓިނުތައް ނަގާ، ލޮނު ޖަހާފައިވާ ކަމަށް ޝަހުމަތު ވިދާޅުވިއެވެ.

ސްކޫލްހޯލް އިމާރާތް އަނދާ ހުލިވެފައި / ފޮޓޯ: އެމްއެންޑީއެފް

ޝަހުމަތު އިތުރަށް ވިދާޅުވީ މިއަދު ވެސް އެތަނުގެ ސެން ކްލާހުގައި އަނެއްކާ ރޯވެފައިވާ ކަމަށެވެ. އަދި ވަހުގެ އަސަރު ކުރުމުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު މިއަދު އެޑްމިޓްކޮށް ފަރުވާދީފައި ވެސް ވާ ކަމަށެވެ.

ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ފިޔޯރީ ސްކޫލުގައި އިއްޔެ ހަވީރު އަލިފާނުގެ ހާދިސާ ހިނގާފައި ވާއިރު މިއަދު ހެނދުނު 5:43 ހާއިރު މާލޭގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން ނީލަން ފިހާރަ އަނދާ ހުލިވިއިރު އެތަނުގެ ކުރިމަތީގައި ހުރި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކުގައި ވެސް ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.

މީގެ ކުރިންވެސް އެ ފިހާރައިގައި އެތައް ފަހަރަކު ވަނީ ރޯވެފައެވެ. އެގޮތުން 2015 އިން ފެށިގެން 2021 ގެ ނިޔަލަށް އެތަނުގައި އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައި ވެއެވެ. މިއަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.