މާލެ ސިޓީ ކައުންސިލުން ނީލަން ފިހާރަ ހިންގަން އިންޑަސްޓްރިއަލް ސަރަހައްދުވެސް ދޭން މީގެ ކުރިން އެދުނު ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 5:43 ހާއިރު ނީލަން ފިހާރާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ މިއީ މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ ވަރަށް ހިތާމަވެރި ވަގުތެއް ކަމަށާއި އެ ކައުންސިލްގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްތައް އަދާ ހުލިވެގެން ގޮސްފައިވާ ކަމަށެވެ.

102 ބިދޭސީންގެ އެކޮމަޑޭޝަން ގެއްލުމާއެކު ހިފާގެންގުޅޭ ތަކެއްޗާއި އަންނައުނާއި ފޯނުތަކާއި ފައިސާ ވެސް ހަލާކުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ އެ ފަރާތްތައް ވަންނާނެ ތަނެއް އަދި ހަމައެއްނުޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މަގުމަތީގެ މުނިސިޕަލް ބައެއް ހިދުމަތްތަކަށް މިއަދު ލޮޅުން އަރާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އުންމީދަކީ އޭގެ ސަބަބުން ލިބޭ ހީނަރުކަން މިއަދަށް އެންމެންނަށްވެސް އެނގޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ނީލަން ފިހާރަ އެތަނުން ނެގުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށާއި އިންޑަސްޓްރިއަލް ސަރަހައްދުގެ ބިމެއް ނީލަން ފިހާރަތައް ހިންގުމަށް ކައުންސިލަށް ދިނުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް ބްރިޖްގެ މަސައްކަތައް އެތަން ބޭނުންވާ ކަމަށް ބުނެ ސަރުކާރުން ކައުންސިލަށް ބިން ނުދިން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ނީލަން ފިހާރަ ހުރިތަން ސާފުކޮށް އަލުން ނީލަން ފިހާރަ ހިންގާނެ ހުއްދަނުދޭނެ ކަމަށެވެ.