މާލެ އާއި އަތޮޅުތަކުގައި މިފަހުން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ހެނދުނު ނީލަން ފިހާރައިގައި އަލިފާން ރޯވެފައި ވަނިކޮށެވެ.
ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގައި ފަހަކަށް އައިސް ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ހާއްސަ ތަހްގީގެއް ފަށަފައިވާ ކަމަށެވެ.
އެހެންކަމުން މިކަމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
މާލޭގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުންދާ އިރު، މިދިޔަ ނޮވެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދިހަ މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގުޅިފަޅުގައި ހުންނަ އެފްކޮންސްގެ ސައިޓްގައި ވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެހާދިސާގައި އެކަކު ވަނީ ގެއްލިފައެވެ. އެސަރަހައްދުން ފަހުން ވަނީ އިންސާނެއްގެ ކަށިތަކެއް ފެނިފައެވެ.
ހަމައެހެންމެ ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި އިއްޔެ އަލިފާން ރޯވެފައި ވާއިރު މިދިޔަ ހަފްތާގައި އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ވެސް އަލިފާން ރޯވިއެވެ.