ނީލަން ފިހާރައިގައި ބޮޑު އަލިފާންގަނޑެއް ރޯވެއްޖެއެވެ. މާލެ މަތިން ބޯ ދުން އަރަމުން ދާ އިރު، ނީލަން ފިހާރައިގައި ހިފާފައިވާ ވަނީ ޒަވިކަން ގަދަ އަލިފާންގަނޑެވެ.

ނީލަން ފިހާރާގައި އަލިފާން ރޯވެފައިވަނީ ސީދާ ކޮން ވަގުތެއްގައި ކަމެއް މިހާތަނަށް އެނގިފައި ނުވާއިރު، އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން އެމްއޭސީއެލްގެ ފަޔާ ޓްރަކް ގެނެސް ފޯމް ޖެހުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ވެފައެއް ނުވެއެވެ. އަދި ރޯވި އަލިފާންގަނޑުގެ ދުމުގެ އަސަރު މާލޭގެ ބޮޑު ބަޔަކަށް ކޮށްފައި ވާއިރު އެ ދުންގަނޑު މިހާރު ވެސް އަންނަނީ އިތުރަށް ފެތުރެމުންނެވެ.

ނީލަންފިހާރައިގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަނީ

އެހެންނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. މިހާރުވެސް ނީލަން ފިހާރައިން އެއްޗެހި ގޮވާ އަޑުއިވެމުން ދާއިރު މީގެ ކުރިންވެސް އެ ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 އަދި 2017 ވަނަ އަހަރުގެ ތެރޭގައި ވެސް އެތަނުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ،

ދާދި ދެންމެއަކު ފުލުހުން ބުނީ ނީލަން ފިހާރަ ސަހައްދުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާދިސާ އާ ގުޅިގެން ދުމުގެ އަސަރު ކުރާތީ އެތަނާ އިންވެގެން ހުންނަ އިމާދުއްދީން ސްކޫލްގެ ހެނދުގެ ދަންފަޅީގެ ކިޔެވުން ވަނީ ބަންދުކޮށްފައެވެ.