ވޭތުވެ ދިޔަ ދޮޅު އަހަރުތެރޭ މާލޭގެ މިސްކިތްތަކުގެ ބިލްތަކާއި ފޮޅާ ސާފުކުރުމަށް 11 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމުގެ ނަމުގައި ފައިސާ ހޯދަން ސިޓީ ކައުންސިލުން ފަންޑް ހުޅުވުމާއެކު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހީރު ފާޑު ވިދާޅުވުމުން މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުގެ ބިލްތަކާއި ސާފު ކުރުމަށް ހޭދަވި ފައިސާގެ ތަފްސީލް ހާމަކޮށްފައެވެ. އެ ގޮތުން 2021ގެ ޖޫން މަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، އެ 18 މަސް ދުވަހުގެ ހަރަދު ގެ ތަފްސީލް ހާމަކުރަމުން މާލެ ސިޓީ ކައުންސިލުން ބުނީ، ކަރަންޓް ބިލްތަކަށާއި ފެން ބިލްތަކުގެ އިތުރުން މިސްކިތްތައް ފޮޅައި ސާފު ކުރުމަށް ޖުމްލަ 11،209،617.28 ރުފިޔާ ހަރަދު ކޮށްފަިއވާ ކަމަށެވެ.

18 މަސް ދުވަހު މިސްކިތްތަކަށް ކުރި ހަރަދުގެ ތަފްސީލް:

  • ކަރަންޓް ބިލްތަކަށް ޖުމްލަ 1،175،882.48 ރުފިޔާ ހަރަދު ކުރި
  • ފެން ބިލްތަކަށް ޖުމްލަ 5،475،898.80 ރުފިޔާ ހަރަދު ކުރި
  • ފޮޅާ ސާފުކުރުމަށް ޖުމްލަ 4،557،836 ރުފިޔާ ހަރަދު ކުރި

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 2020، 2021 އަދި 2022 އަށް މިސްކިތްތަކަށް ހަރަދު ކުރަން ދިނީ ޖުމްލަ އެއް މިލިއަން ރުފިޔާ ކަމަށާއި 2022 ގައި 2 މިލިއަނަށްވާ ވަރަށް މަސައްކަތް ކޮށްފައި ބިލްތައް ފޮނުވީމައި ފައިސާ ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނާއި ގަވާއިދުން ހުއްދަ ކަމަކަށް ނުވާތީ އަދި ލާމަރުކަޒީ ގާނޫނު ތަންދޭ ކަމަކަށް ނުވާތީ ތަކުރާރުކޮށް އެތައް މީޓީންއެއްގައި 2 މިލިއަން ޖަމާ ކޮށް ދިނުމަށް އެދިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނެޓް ބަޖެޓަކަށް މަސައްކަތް ކްރެޑިޓަށް ކޮށްފައި ރީއިމްބާސް ނުކުރެވޭނެ ކަމަށާއި 2 މިލިއަންގެ ބަޖެޓް ދިނުމުން މަސައްކަތް ކުރާނެ ފަރާތްތައް ހޯދައިގެން މަސައްކަތް ކުރެވޭނެ ކަމަށް އެ މީޓީންތަކުގައި ވިދާޅުވެފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ތަކުރާރުކޮށް ދެންނެވުމުން ވެސް އެކަމަށް އެއްވެސް ލުޔެއް ނުލިބުނު ކަމަށާއި އެހެންކަމުން ހުރިހާ ކަމެއް ކުރީ ކައުންސިލުން ހޯދާ އާމްދަނީ ފައިސާއިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވަނީ 2020 ވަނަ އަހަރު މިސްކިތްތަކަށް ހަރަދު ކުރުމަށް ދިން އެއް މިލިއަން ރުފިޔާއަށް ވީ ގޮތެއް ނޭނގޭ ކަމަށާއި އަދި ވޭތުވެ ދިޔަ ތިން އަހަަރު ކައުންސިލަށް ބަޖެޓުން ހަމަޖައްސާފައިވާ ފައިސާ ނުނަގައި އެހެން ގޮތްގޮތުން ފައިސާ ހޯދާތީ ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

ޖަލާލުއްދީން މިސްކިތް/ ފައިލް ފޮޓޯ: ދަޕްރެސް

މިކަމަށް ރައްދު ދެއްވަމުން މުއިއްޒު ވަނީ މިސްކިތްތަކުގެ މަރާމާތަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލް އާންމު ކުރައްވާފައެވެ. 38 މިސްކިތެއްގައި ކުރި މަސައްކަތުގެ ތަފްސީލު ހާމަ ކޮށްފައި ވާއިރު އޭގެތެރެއިން ބައެއް މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ވަނީ އެ މިސްކިތް ބިނާ ކުރި ފަރާތުން ކޮށްފައެވެ. އަދި އަނެއް ބައި މިސްކިތްތަކުގެ ބައެއް މަރާމާތުގެ މަސައްކަތްތަކާއި އެ މިސްކިތްތަކުގެ އޭސީ ހަރުކުރުން ފަދަ ކަންކަން ވަނީ އަމިއްލަ ފަރާތްތަކުން ހަރަދުކޮށްގެން ކޮށްފައެވެ.

މާޅެ ސިޓީ ކައުންސިލުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ގިނަ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކަކީ އެ ކައުންސިލުން ކުރަމުން އަންނަ ކަންކަމެވެ. އެ ގޮތުން މަސްޖިދުލް ސުލްޠާން މުހައްމަދު ބިން އަބްދިﷲ އާއި، ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، ބޮޑުގޭ ވަގުތީ މިސްކިތާއި، އިބްރާހިމް މިސްކިތާއި، ޖަލާލުއްދީން މިސްކިތާއި، ފުރުގާން މިސްކިތާއި، ޒިޔާރަތް މިސްކިތާއި، އަފީފުއްދީން މިސްކިތާއި، ޝަހީދު އަލީ މިސްކިތާއި، ތަގްވާ މިސްކިތް ހިމެނެއެވެ.

މި މިސްކިތްތަކުގެ ބޮކި ބަދަލު ކުރުމާއި ފަންކާ ބަދަލު ކުރުމާއި، އާ އިސްކުރު ހަރުކުރުމާއި، ފާހާނާ ދޮރު ހަރުކުރުމާއި ފާހާނާ ތަށި ބަދަލު ކުރުމާއި މުސްލިމް ޝަވަރު ބަދަލު ކުރުމާއި، ކުޑަދޮރު މަރާމާތު ކުރުން ފަދަ މަސައްކަތްތައް ކޮށްފަިއވާ ކަމަށް ކައުންސިލުން ބުނެއެވެ.