ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ އަލީ ނަދީމަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ވަކީލެއް ކަމުން އެ މައްސަލާގައި ތަނާޒުލްވާން ދިފާއުން އެދިއްޖެއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު "ކްރިކް" ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަންގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރި ކަމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ މައްސަލައާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައިވާތީ އިތުރު ހެކިތައް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ. އެއާއެކު ރައީސް ޔާމީންގެ ފަރާތުންވެސް ވަނީ އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތަށް އެދިފައެވެ. އެހެންކަމުން އާ ހެކިތަކާ ގުޅޭގޮތުން ގާޒީ ނަދީމް ވަނީ ހެކިތަކަށް ބެލުމަށްފަހު ބަލައިގަންނަންޖެހޭނަމަ ހެކިތައް ބަލައިގަންނަން ނިންމާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާގެ ވަކީލްވަނީ އަދީބުގެ ކުރީގެ ވަކީލަކަށް ގާޒީ ނަދީމު ވުމުން އެ މައްސަލައިން ތަނާޒުލުވުމަށް އެދިފައެވެ. އަދި އެ ވާހަކައަށް ޔާމީންގެ ވަކީލުވެސް ވަނީ ތާއީދުކުރައްވާފައެވެ.
އެ ވާހަކަތަކާ ގުޅިގެން ގާޒީ ނަދީމް ވަނީ އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ބަންދު އަޑުއެހުމެއްގައި މީގެ ހަތް އަހަރުކުރިން ކަން ފާހަގަކުރައްވާ ތުހުމަތު ކުރެވުނު ކުށެއްގެ ތަހުގީގަށް އަދި ދައުވާ ކުރެވުނު ކުށަކާ ގުޅިގެން ގާނޫނީ ހިދުމަތެއް ދީފައިނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތަނާޒުލުވުމަށް އެދުނު އެދުމާމެދު އިތުރަށް ވިސްނަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.