ރަޝިއާއިން ހިފާފައި ވާ ޔޫކްރައިންގެ ޑޮނެސްކްގެ މަކީވްކާގައި ބަނޑަހަ ޖަހައިގެން ތިބި ރަޝިއާ ސިފައިންގެ މަރުކަޒަަށް ހަމަލާ ދީ 400 އެއްހާ މީހުން މަރާލައިފި ކަމަށް ޔޫކްރައިން އިން ބުނެފިއެވެ. ނަމަވެސް ރަޝިއާެ ޑިފެންސް މިނިސްޓްރީން ބުނީ، ޔޫކަރައިން އިން ދިން ހަމަލާފައި މަރުވީ 63 މީހުން ކަމަށެވެ. އެ އަދަދުތައް ދޮގުކޮށް ޔޫކްރައިން ޑިފެންސް މިނިސްޓްރީން ބުނީ، މަރުވި މީހުންގެ އަދަދު ގައިމުވެސް 400 އަށް ވުރެ ދަށްނުވާނެ ކަމަށެވެ.
ރަޝިއާއިން ބުނީ، ޑޮނެސްކްގެ މަކީވްކާއަކީ ރަޝިއާ ސިފައިންގެ އެކޮމަޑޭޝަން ބްލޮކެއް ކަމަށާއި، އެތަނަށް އަމާޒު ވީ ބާރުގަދަ ގޮވާ ބޯ (ވޯހެޑް) ހަރުކޮށްގައި ހުރި 4 މިސައިލް ކަމަށެވެ. އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާއި ތިމާގެ މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ.
އަސްކަރީ ހަބަރުތައް ގެނެސްދޭ ރަޝިއާގެ ބްލޮގަރުން ބުނެފައި ވަނީ ޔޫކްރައިން އިންވެސް ބުނި ގޮތާ ދާދި އެއްގޮތަށް އެތައް ސަތޭކަ ބަޔަކު މަރުވެފައި ވާ ކަމަށެވެ.
ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމައަށް އަންނަ ފެބްރުއަރީގައި އަހަރުވާ އިރު، ހަނގުރާމަ އަދިވެސް ހުއްޓޭކަށް ނެތެވެ. ހުޅަނގާއި ޔޫރަޕާއި، އެމެރިކާއިން ދަނީ ހަނގުރާމަ އިތުރަށް ހޫނު ކުރުމަށް އިތުރު އެހީ ދެމުންނެވެ. އެގޮތުން އީޔޫގެ ޕްރެސިޑެންޓް އުރުސުލާ ވޮން ޑަ ލޭން ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އަށް ގުޅުއްވާ ވަނީ ހިތްވަރު ދެއްވާ ހަނގުރާމަ ދެމި އޮތްހާ ދުވަހަކު ޔޫކްރައިން އާ އެކު އީޔޫ، އޮންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފިނި މޫސުމަށް ބޭނުންވާ ޖަނަރޭޓަރުތަކުގެ އިތުރުން އީޔޫއިން ދޭން ބުނި 18 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ މަހުން މަހުން ދެމުން ގެންދަވާނެ ކަަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައިގައި ދެފަރާތުން މަރުވާ މީހުންގެ އަދަދުތަކާއި ޒަހަމްވާ މީހުންގެ އަދަދުތައް މައްޗަށް އަރައިގެން ދާ އިރު ދެފަރާތުންވެސް މިހާރު ބޭނުން ކުރަނީ އެންމެ ޒަމާނީ ހަތިޔާރެވެ. ޔޫކްރައިންގައި ހުރީ އެމެރިކާއާއި ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުގެ އުފެއްދުންތަކެވެ. ދެގައުމުގެ ކުރިމަތިލުންތަކުގައި މިހާރު އެންމެ ހަނގުރާމަ ވަރުދަގައީ ލުހާންސްގެ ކްރެމިނާގެ ޕީ66 ހައިވޭ އަތުލުމަށެވެ. އެ ހައިވޭ އަކީ ބެލްގޮރޮޑް ސަރަހައްދުގައި ގާއިމުވެ ތިބޭ ރަޝިއާގެ ފައުޖުތަކަށް ސަޕްލައި ފޮނުވާ މައި މަގެވެ. މި ސަރަހައްދުގައި އެއްގަމުން ވަރުގަދައަށް ހަމަލާ ބަދަލު ކުރަމުން ދާ އިރު އެހެން ސަރަހައްދުތަކުގައި ހަމަލާތައް ގިނައިން ބަދަލު ކުރަމުން ދަނީ ޑްރޯން އާއި ކްރޫޒް މިސައިލުންނެވެ.
އެނަލިސްޓުން ބުނާ ގޮތުން، މިއަހަރުގެ ފުރަތަމަ 6 އެއްކަ މަހު ހަނގުރާމަ އިތުރަށް ވަރުގަދަވެ ދެފަރާތުން މަރުވާ މީހުންގެ އަދަދު ގިނަ ވާނެއެވެ. ނަމަވެސް އަހަރުގެ މެދަކާ ހަމައަށް ދާ އިރު ސުލްހައިގެ މަގަށް މަސައްކަތް ކުރާނެ ކަމަށާއި ހަނގުރާމަ ހުއްޓާލާނެއެވެ.