ޔަހޫދީ އިޒްރޭލަކީ އެގައުމު ވަށައިގެން އޮތް ހުރިހާ ގައުމަކަށް ވުރެ އަސްކަރީ ގޮތުން ބާރުގަދަ ގައުމަކަށް ހަދަން އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައި އޮތް އޮތުމުން ބާރު ލިބިގެން، ސީރިއާއަށް މިސައިލް ހަމަލާ ދީފިއެވެ. ރޭ ފަތިހު 2 ޖަހަނިކޮށް ދިމިސްގް އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާގައި ސިފައިންގެ ދެމީހަކު މަރުވެ އިތުރު ދެމީހުން ޒަހަމް ވި ކަމަށް ސީރިއާގެ ސަނާ ނިއުސް އެޖެންސީން ބުނެއެވެ. މީގެ އިތުރުން، އެއާޕޯޓަށް ގެއްލުން ލިބި މިވަގުތު ވަނީ ބަންދުކޮށްފައި ކަމަށްވެސް ބުނެއެވެ.
މިއީ އަހަރެއްގެ ތެރޭގައި އިޒްރޭލުން ދިން މިފަދަ ދެވަނަ ހަމަލާއެވެ. މީގެ ކުރިން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުވެސް އިޒްރޭލުން ވަނީ މި އެއާޕޯޓަށް ހަމަލާދީ ރަންވޭ އަށް ވެސް ގެއްލުން ދީފައެވެ. އެ ހާދިސާގައި ވެސް 2 ހަފްތާއަށް އެއާޕޯޓް ބަންދު ކޮށް މަރާމާތަށް ފަހު ހުޅުވި ނަމަވެސް އިޒްރޭލުގެ ބިރުވެރިކަން ކެނޑިގެން ނުދެއެވެ.
އޭގެ އިތުރުން މިދިޔަ ސެމްޓެމްބަރު މަހުވެސް އިޒްރޭލުން ވަނީ ސީރިއާގެ ކުރީގެ ވިޔަފާރީގެ ރަށް އަލެއްޕޯގެ އެއާޕޯޓަށް ވެސް ހަމަލާ ދީފައެވެ.
މާހިރުން ވިދާޅުވާ ގޮތުގައި އިޒްރޭލުގެ މި ހަމަލާތަކަކީ، 6 ވަނަ ފަހަރަށް ބޮޑުވަޒީރަކަށް ވި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ވައުދަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ރޭގެ ހަމަލާ ދީފައި މިވަނީ، މި އަހަރު ހިންގާނެ އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭ ގޮތުން އިޒްރޭލުގެ ސިފައިންގެ ޖެނެރަލް އޮޑެޑް ބަސިއުކް ދިން ޕްރެޒެންޓޭޝަނެއްގައި ސީރިއާއަށް ދޭ ހަމަލާތަކަކީ، ސަރަހައްދުގައި އިޒްރޭލުގެ އަސްކަރީ ބާރު ފުޅާކުރާނެ ގޮތުގެ މިސާލެއް ކަމަށް ބުނެފައި ވަނިކޮށެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލަން ކުރަމުން ދާ ދިގުލީ ހަނގުރާމައިގައި އެ ސަރުކާރު ދިފާއުކޮށް ހަތިޔާރު އެޅި އީރާންގެ ޖަމާއަތްތަކާއި ލުބުނާންގެ ހިޒުބުއްލޯ ބަލި ކުރުމުގައި އިޒްރޭލާއި ރަޝިއާއިން ވަނީ އަސަދުގެ ސަރުކާރާ އެކު އެއްބަސްވުމެއް ހަދާފައެވެ.
ހަވާޑް ކެނެޑީ ސްކޫލްގެ މިޑްލްއީސްޓް އިނިޝިއޭޓިވްގެ ސީނިއާ ފެލޯ (އިސް ދަރިވަރެއް) އެއް ކަމަށް ވާ ރަމީ ހޫރީ ވިދާޅުވެފައި ވަނީ ސީރިއާ ހަނގުރާމައިގައި އެގައުމަށް ވަދެ ހަނގުރާމަ ކުރާ އީރާނާއި ހިޒުބުއްލޯ ގެ މަގާމުތަކުގެ އިތުރުން އިޒްރޭލަށް ނުރައްކަލެއް ކުރިމަތިވެދާނެ މަގާމުތަކަށް ހަމަލާ ދިނުމުގެ ހުއްދަ ސީރިއާއިން އިޒްރޭލަށް ދީފައި ވާ ކަމަށެވެ. އަދި އެ ހުއްދައިގައި ހިމެނޭ އެހެން ކަންކަމުގެ ތެރޭގައި ސީރިއާގައި ތިބޭ ރަޝިއާ ސިފައިންގެ އެއްވެސް މަގާމަކަށް ހަމަލާއެއް ނުދިނުންވެސް ހިމެނެއެވެ. އެހެން ކަމުން އިޒްރޭލުން މި ދޭ ހަމަލާތަކަކީ، އަސަދު ސަރުކާރުގެ ރުހުން އޮވެގެން ހިންގާ ކަންކަން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެއެވެ.
މި ހަމަލާގެ ކުރިން ވާހަކަ ދައްކަމުން ޔަހޫދީ ޖެނެރަލް ބަސިއުކް ބުނެފައި ވަނީ "ސީރިއާގައި ހިޒުބުއްލޯ 2.0 އެއް" އުފެދި ހަރަކާތްތެރިވާން ދޫނުކުރާނެ ކަމަށެވެ.
ސީރިއާގެ ސަރުކާރު ވައްޓާލުމަށް ހަތިޔާރުއެޅި ތަފާތު ޖަމާއަތްތަކުން މިހާރުވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އެފަދަ ބައެއް ޖަމާއަތްތަކާ ގުޅެން ދިވެހިރާއްޖެއިން ދިވެހިންވެސް ގޮސްފައި ވެއެވެ. އަދި އެތައް ބަޔަކު މަރުވެ ނެތިގެން ގޮސްފައި ވާ އިރު އެތައް ބަޔަކު ހާލުގައި ޖެހި ރެފިއުޖީ ކޭމްޕްތަކުގައި ވެސް އެބަތިއްބެއެވެ. ދިވެހި ސަރުކާރުން ހާމަ ކުރާ ބައެއް ތަފާސް ހިސާބު ބުނާ ގޮތުން ސީރިއާ ހަނގުރާމައިގައި ބައިވެރި ވުމަށް 173 މީހަކު ރާއްޖެއިން ގޮސްފައި ވެއެވެ. ނަމަވެސް މި އަދަދު ހާމަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ސީރިއާއަށް ދިޔަ ދިވެހިންގެ އަދަދު ގިނަ ކަމަށާއި އޭގެ ތެރެއިން 400 އަށް ވުރެ ގިނަ ދިވެހި އަންހެނުން ސީރިއާގައި އުޅެނީ ހަށި ވިއްކުމުގައި ކަމަށެވެ. އަދި މީގެ ތެރެއިން 160 އެއްހާ މީހުން މަރުވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.