އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލެސްޓާ ސިޓީ ވާދަކުރި މެޗު 2-1 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. މިމެޗުގައި ޖެހި 3 ލަނޑު ވެސް ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ލެސްޓާގެ ކުޅުންތެރިންނެވެ.

ފޯމް ގެއްލިފައި އޮތް ލެސްޓާ ސިޓީ މެޗު ފެށީ ވަރަށް ރަނގަޅެވެ. މިގޮތުން މެޗުގެ 4 ވަނަ މިނެޓްގައި އެޓީމުން ވަނީ ލިވަޕޫލް ސިއްސުވާލާ ލީޑުު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިއުސްބެރީ ހޯލްއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް ހާފް ނިމުނީ 2-1 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ. އެއީ ލެސްޓާގެ ޑިފެންޑަރު ވައުޓް ފައިސް ފުލުފުލުގައި ބައިކޮޅަށް ޖެހި ދެލަނޑާއެކު އެވެ. މިގޮތުން ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓްގައި އޭނާގެ އަތުން ވަތް އިރު ލިވަޕޫލްގެ ދެވަނަ ލަނޑު ވެސް ފައިސް އަތުން ބައިކޮޅަށް ވަނެވެ.

ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އީޕީއެލް ޓުވިޓާ

މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލުން ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތައް އުފެއްދި ނަމަވެސް މިމެޗު ނިމުނީ 2-1 އިން ލިވަޕޫލް މޮޅުވެގެންނެވެ. މިއާއެކު ލިވަޕޫލް މިވަނީ ހަތަރު ވަނައިގައި އޮތް ޓޮޓެންހާމްއާ ދެ ޕޮއިންޓް ކައިރިވެފައެވެ. ލެސްޓާ އޮތީ 17 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ބްރެންޓްފޯޑް ވަނީ 2-0 އިން ވެސްޓްހޭމް ބަލިކޮށްފައެވެ. މި ނަތީޖާއާއެކު މިދިޔަ އަހަރުގެ ޔޫރަޕާ ލީގުގެ ފައިނަލިސްޓުން ކަމަށްވާ ވެސްޓްހޭމް މިވަނީ ޖެހިޖެހިގެން 5 މެޗުން ބަލިވެފައެވެ.

އިންގްލިޝް ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް މިއަދު އޮންނާނެއެވެ. މިގޮތުން ރާއްޖޭ ގަޑި ހަވީރު 5:30 ގައި މެންޗެސްޓާ ޔުނައިޓެޑާ ވުލްވްސް ބައްދަލުކުރާ އިރު އާސެނަލް އަދި ސިޓީގެ މެޗުތައް ވެސް މިރޭ އޮންނާނެއެވެ.