އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމް ބާތިލްކޮށް އެމަނިކުފާނަށް ސަރުކާރުން ދެމުންދާ އަނިޔާތައް ހުއްޓާލައި މިނިވަން ކުރުމަށް ގޮވާލައި މިއަދު ހަވީރު ހިނގާުލުމެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

"ސަބަބުވެރި ހިނގާލުން" ގެ ނަމުގައި އިދިކޮޅުން ބާއްވާ މި ހިނގާލުން ފަށާނީ ޕީޕީއެމް އޮފީސް ދޮރުމަތިން މިއަދު ހަވީރު 3:45 ގައެވެ.

އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ ފާސިދު ހެކި އުފައްދައި ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އިސްލާމީ ޝަރީއަތުގެ ހަމަތަކާ ދެކޮޅަށް އިއްވާފައިވާ ހުކުމެކެވެ.

ޕީޕީއެމާއި ޕީއެންސީގެ 89 ސެނެޓަރުންގެ ވޯޓުން އިސްލާހުތަކާ އެކު، ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ގަރާރެއް ވެސް ވަނީ ނެރެފައެވެ.

ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަިއ ވާއިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައި ވަނީ ޔާމީނަށެވެ. ޔާމީން ޖަލަށް ލުމުން 2023 ގައި ވެރިކަމަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު އެމަނިކުފާނަށް ގެއްލުނަސް އިދިކޮޅު ލީޑާޝިޕްގެ އެހެން އެއްވެސް ބޭފުޅަކު ވެރިކަމާ ނޫޅޭ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި އެ ކޯލިޝަނުން އަންނަނީ ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޔާމީން ޖަލަށް ލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކުރި އިރު، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޔޫސުގް ނައީމް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.