އިންޑިއާގެ ކުންފުންޏެއް ކަމަށް ވާ މެރިއޮން ބައޯޓެކް ކުންފުނިން އުފައްދާފައި ވާ ޑޮކް-1 މެކްސް ސިރަޕް ބޮއެގެން އުޒުބަކިސްތާނުގައި 18 ކުއްޖަކު މަރުވެއްޖެ ކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ބުނެފިއެވެ.
މި މައްސަލަ ފެންމަތި ވީ، ހުމާއި ރޯގާއަށް ދޭ އެ ބޭސް ދިން 21 ކުއްޖެއްގެ ތެރެއިން 18 ކުއްޖަކު މަރުވުމުން ކުރި ދިރާސާގައި އެ ބޭހުގައި ފުރާނައަށް ގެއްލުން ވާ މާއްދާއެއް ކަމަށް ވާ އެތެލީން ގްލައިކޯލް ހުރިކަމަށް ދެއްކުމުންނެވެ.
މީގެ ކުރިންވެސް މި މާއްދާ އާއި ޑައިތެލީން ގަލައިކޯލް އެކަށީގެންވާ މިންވަރަށް ވުރެ މަތީ އަދަދަކަށް ހުރި ބޭސްތަކެއް ބޮއެގެން ގެމްބިއާ އިން 66 ކުއްޖަކު މަރުވި މައްސަލައެއް އޮތީ ފެންމަތި ވެފައެވެ. އެ ހާދިސާގައި ބޭސް އުފެއްދި ކުންފުންޏަކީ އިންޑިއާގެ މެއިޑެން ފާމަސޫޓިކަލްސް އެވެ. ހަމަ މި މާއްދާތައް އެކަށީގެންވާ މިންވަރަށް ވުރެ މައްޗަށް ހުރި ބޭސްތަކެއް ބޮއެގެން އިންޑޮނީޝިއާގައި ވެސް 140 ކުދިން މަރުވި ހާދިސާއެއް ރިޕޯޓު ކުރިއެވެ. އެ ހާދިސާގައި އިންޑޮނީޝިއާ ކުދިން ބުއި ބޭސް އުފެއްދީ އިންޑިއާ ކުންފުންޏަކުން ނޫނެވެ.
ގެމްބިއާއާއި އިންޑޮނީޝިއާ އާ ހިލާފަށް މިފަހަރު އުޒުބަކިސްތާނުގައި ދިމާވި މި ހާދިސާގައި ކުދިންތައް މަރުވި ކަމަށް ރިޕޯޓު ކޮށްފައި ވަނީ އެ ބޭސް ބޭނުން ކުރުމުން ނޭވާލާ ނިޒާމަށް ބައްޔެއް ޖެހިގެންނެވެ. ނަމަވެސް އިންޑޮނީޝިއާ އާއި ގެމްބިއާގައި ދިމާވީ ކިޑްނީ ހަލާކު ވުމުގެ މައްސަލައެވެ.
މި މައްސަލައިގައި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ބުނީ، އެ ތުހުމަތުތަކާ ގުޅިގެން މައްސަލަ ބަލަމުން ދާ ކަމަށެވެ.
މީގެ ކުރިން ގެމްބިއާ ހާދިސާގައި ކެއްސާ ބޭސް ބޮއެގެން ގިނަ އަދަދެއްގެ ކުޑަކުދިން ތަކެއް މަރުވުމުން ގިނަ ބޭސްތަކެއް ޑަބްލިއުއެޗްއޯއިން ހުއްޓުވާފައި ވަނިކޮށް އެ ބޭސްތަކުގައި ތަޣައްޔަރުވެފައި ވާ މާއްދާއެއް ނެތް ކަމަށާއި ސިއްހީ ގޮތުން ރައްކާތެރިކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.
އެ މައްސަލައިގައި އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް ޑރ. ވީޖީ ސޮމާނީ ޑްބްލިއުއެޗްއޯއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، އެ ބޭސްތަކުގައި ހިމެނޭ މާއްދާތައް އިންޑިއާގެ ސަރުކާރު ލެބޯޓަރީ ތަކުގައި ތަހުލީލު ކޮށްފި ކަމަށާއި، ކުޑަކުދިންގެ ފުރާނައަށް ނުރައްކާ މިންވަރުގެ އެއްވެސް މާއްދާއެއް ނެތުމުގެ އިތުރުން ހުރިހާ ބައިތަކެއް ހުރީ ހަމަ މިންގަޑުގައި ކަމަށެވެ. އެއާއެކު އެސިޓީގައި އޭނާ ވަނީ، ޑަބްލިއުއެޗްއޯއިން ހޯދި ހޯދުންތަކުން ފާހަގަވި ކަންކަމުގެ ތަފްސީލީ މައުލޫމަތު ހިއްސާ ކުރަންވެސް އެދިފައެވެ.
ރާއްޖެއަކީ ވެސް ކެއްސާތީ ކުޑަކުދިންނަށް ދޭ ގިނަ އަދަދެއްގެ ޖެނެރިކް ބޭސް ބޭނުން ކުރާ ގައުމެކެވެ. އެ ބޭސްތަކުގެ ތެރޭގައި މި 3 ގައުމުން މައްސަލަ ދިމާވެގެން ރިޕޯޓު ކުރާ ބޭސްތައް ނުހިމެނޭކަން ފާހަގަ ކުރެވެއެވެ.