މަޑީގެ ހިތްގައިމު މަންޒަރު ބަލާލަަން ދާ ފަރާތްތަކާއި އަދި ކަނޑުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބުރޫ ނާރާނެ ގޮތަށް ކަންކަން ބެހެެއްޓުމަށާއި އެ ދިރުންތަކަށް ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަލާނެ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން މިހެން ބުނީ، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އަތޮޅުތެރެއަށް ދަތުރުފަތުރު ކުރުން އިތުރުވެ، ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގައި ފަތުރުވެރިންކަމާ ގުޅޭ ސްނޯކްލިން، ޑައިވިން، ކްރޫޒިން ފަދަ ހަރަކާތްތައް އިތުރުވެފައިވާ އިރު ހިމާޔަތް ކޮށްފައިވާ މަޑީގެ ގުދުރަތީ ރީތިކަން ބަލަން ދާ މީހުން ގިނަ ވެފައިވާތީއެވެ.

އީޕީއޭއިން ބުނީ، މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ބައެއް ފަރާތްތަކުން އަމަލު ކުރަމުންދާ ކަމަށާއި އެއީ ނުހަނު ކަންބޮޑުވާ އަދި ހިތާމަ ކުރާ ކަމެއް ކަމަށެވެ. އެ ގޮތުން މިަޑީގެ ގުދުރަތީ ދިރިއުޅުމަށް ހުރަސް އެޅޭ ފަދަ ނުވަތަ ނޭދެވޭ އަސަރު ކުރާ ގޮތަށް އެއްވެސް ފަރާތަކުން އަމަލަު ކުރުމަކީ މަނާ ކަމެއް ކަމަށް އީޕީއޭ އިން ބުނެއެވެ.

ވަލެއްގައި ތާށިވެ، އެންމަޑިއެއް މަރުވެފައި / ފޮޓޯ: އީޕީއޭ

އެގޮތުން ކަނޑުފަޅުގައި އުޅަނދުފަހަރު ދުއްވާ އިރު، އަދި ފަތުރުވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގާ އިރު، އެއްވެސް ބާވަތެއްގެ މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބުރޫނާރާނެ ގޮތަށް 10 ފޫޓޫގެ ދުރުން މަޑީގެ ހިތްގައިމު މަންޒަރު ބަލާލޫން އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް އީޕީއޭއިން ބުނެއެވެ. އަދި މަޑިއަކީ ކާނާ ހޯދުމަށް ލޮނުގަނޑު ކައިރިން ހަރަކާތްތެރިވާ ދިރުންތަކަކަށް ވާތީ އެސޮރުމެންނަށް ގޯނާ ނުވާގޮތަށް އުޅަނދުފަހަރުގެ ދުވެލި ދަށްކޮށް އަދި މޫދަށް އެރި އުޅޭ އިރު މަޑިއަށް އުންދަގޫ ނުވާނޭ ފަދައިން ހަރަކާތްތައް ގެންގުޅުމަށް އެ އެޖެންސީން ވަނީ ނަސޭހަތްތެރި ވެފައެވެ.

އެންމަޑި، ވައި މަޑީ އަޑީ މަޑީގެ ގިނަ ބާޥަތްތަކަކީ ބައިނަލްއަގްވާމީ އެކީ މުއާހަދާތަކާއި އޯގަނައިޒޭޝަންތަކުން "ނެތެމުންދާކަން" ނުވަތަ "މަދުވަމުންދާކަން" ފާހަގަކޮށްފައިވާ ބާވަތްތަކެވެ. ހާއްސަ ގޮތެއްގައި އެންމަޑީގެ ބާވަތްތައް ކަމުގައި ވާ "ރީފް މަންތާރޭ" އަކީ ވަލްނަރަބަލް އަދި "ޖަޔަންޓް އޯޝަނިކް މަންތާރޭ" އަކީ އެންޑޭންޖާޑް ދިރުންތަކެއްގެ ގޮތުގައި އައިސީޔޫއެން ރެޑްލިސްޓްފަުއ ފާހަގަކޮށްފައިވާ ދިރުންތަކެކެވެ.

މި ދިރުންތަކަކަީ މި ސަރަހއްދުގެ އެހެން ގައުމުތަކުން ފުޅާ ދާއިރާއެއްގައި ބާނަމުންދާ ދިރުންތަކަކަށް ވެފައި، ވިހައި އާލާވުމަށް ދިގު މުއްދަތެއް ނަގާ ދިރުންތަކަކށް ވާތީ އޭގެ އާބާދީ ދެމެހެއްޓުމަށް ރާއްޖޭގެ އަމާން ކަނޑުފަޅުގެ ސަރަހައްދުތަކުން މުހއިްމު ދައުރެއް އަދާ ކުރަންޖެހޭ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

ވީމާ އެންމަޑި، ވައި ފިޔަމަޑީ، އަދި މަޑީގެ އެހެނިހެން ބާވަތްތަކަކީ ރާއްޛޭގެ އިގްތިސޯދާއި އިޖްތިމާއީ ހަރަކާތްތައަށް ގުޅިލާމެހިފަިއވާ ދިރުންތައް ކަމަށާއި މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ގުދުރަތީ މި ވަސީލަތް ރައްކާތެރިކަންމަތީ ފޯރުކޮށް ދިނުމަކީ ވަޖިބެއް ކަމަށް އީޕީއޭއިން ބުނެއެވެ. އަދި މަޑިގެ ބާވަތްތަކަށް ގެއްލުންދޭ ފަރާތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައި ވަނީ ޖޫން 16، 2014 ގައެވެ.